ޚަބަރު
ރައީސް ސާލިހުގެ ޒައާމަތާއެކު ސައުދީއާއި ރާއްޖޭގެ ގުޅުން ބަދަހިވާނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ޒަޢާމަތުގައި، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ 93 ވަނަ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދާއި ވަލީއަޙްދު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ސައުދީ ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއަކީ، ދީނީގޮތުންނާއި ޘަޤާފީގޮތުން އަދި ތާރީޚީގޮތުންވެސް ގާތްގުޅުންތަކެއް އޮތް ދެ ޤައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޙިޖާޒުކަރަ އާއި ނަޖުދުކަރަ އެކުވެ ކިންގްޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އުފެދިގެން އައިގޮތުގެ މައްޗަށްެވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި ފާއިތުވި ތަނުގައި، ސަޢޫދީ އަރަބިއްޔާއަށް އައިސްފައިވާ ބަދަލުތަކާއި، ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދާއި ތަޢުލީމާއި ޞިއްހަތާއި ޓެކްނޮލޮޖީފަދަ ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަޢުރީފްކުރެއްވިއެވެ.

ދިވެހިރާއްޖެއާ ސަޢޫދީ އަރަބިއްޔާގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާތަނަށް ދެޤައުމުގެ ގުޅުންތައް ބަދަހިވެ ކުރިއަރައިގެން ގޮސްފައި ވަނީ، ދެޤައުމުގެ އިސްވެރިން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން، ދިވެހިންނަށް އީ-ވިސާ އަދި އޮން އެރައިވަލް ވިސާ ދިނުމަށް މިއަހަރު ސަޢޫދީ ސަރުކާރުން ނިންމި ނިންމުމަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 17 މާރިޗު 1981 ގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު