ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް ނިންމާލައިފި
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ބަހުސް މިއަދު ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށް، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރަން ފަށާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

މިމަހުގެ 21ގައި ބަޖެޓު ބަހުސް ފަށައި މިއަދު ބަހުސްގެ މަރުހަލާ ނިންމުމާއި ހަމައަށް ކުރިއަށް ގެންދިޔައީ އެއް ޖަލްސާއެއްގެ ގޮތުގައެވެ. ބަޖެޓުގެ ބަހުސް މަރުހަލާ ނިމުނީ މިއަދު މެންދުރު ފަހު އެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ބަޖެޓު ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވީ 51 މެންބަރުންކަމަށެވެ. އަދި ބަހުސްގައި ޖުމްލަ 12 ގަޑިއިރާއި 23 މިނެޓު ހޭދަވިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ބަޖެޓް ދިރާސާ ކުރުމަށްފަހު ބަޖެޓް ކޮމިޓީން އެކުލަވާލާ ރިޕޯޓްވެސް އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އަދި އެ ރިޕޯޓަށްވެސް މެންބަރުން ވާހަކަދައްކަވާނެ އެވެ.

ޤާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓާއި ދަރަނި ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ޓްރާންސްފާ ހިމަނައިގެން ބަޖެޓް ފައިނޭންސް ކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަންޖެހޭކަމަށް ހުށަހަޅަފައިވެ އެވެ. އެފައިސާގެ ތެރެއިން 12.4 ބިލިއަން ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.

ހަރަދު ކުޑަކުރުމަށް މައިގަނޑު 3 ކަމެއް ބަޖެޓްގައި ހިމަނާފައި ވެއެވެ. އެއީ އިންޑައިރެކްޓް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވޭގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުރުމާއި، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖާކުރުމުގެ އިތުރުން ސަރުކާރުގެ ވެލްފެއާގެ ގޮތުގައި ހަރަދުކުރާގޮތް ހަރުދަނާކުރުމެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު