ޚަބަރު
އެމްޑީޕީއާއި އަދާލަތު ގުޅިގެން ކުރިއަށް ދާން މަޝްވަރާކުރަނީ
ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކީ ކޯލިޝަން ހަދައިގެން ތިބި ހަމައެކަނި ޕާޓީ، އަދާލަތު ޕާޓީއާ ގުޅިގެން ކުރިއަށް ހުރި އިންތިހާބުތަކުގައި މަސައްކަތް ކުރަން ދެ ޕާޓީން މިއަދު މަޝްވަރާކޮށްފި އެވެ.

އެންމެ އަވަހަށް ދެން އޮތް ބޮޑު ދެ އިންތިހާބަކީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.

މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބު އޮތީ ކުރިއަށް އޮތް ޖެނުއަރީ 13 ވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު މަޝްވަރާކުރަނީ ރޯދައިގެ ކުރިންނެވެ.

އެމްޑީޕީން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

ކުރިން އެމްޑީޕީއާ ނުރުހި، އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު ހެދި އަދާލަތުން އަންނަނީ 2015 އިން ފެށިގެން އެމްޑީޕީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ސަރުކާރު ކޯލިޝަންގައި ވެސް އެ ޕާޓީ ހިމެނެ އެވެ.

އަންނަ މަޖިލިސް އިންތިހާބަށް މިހާރު ވެރިކަން ކުރާ ޕީއެންސީން ވަނީ ޕީޕީއެމްއާ އެކު ނުކުތުމަށް ނިންމާފަ އެވެ. އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއާ އެކު ނުކުތުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ. ނަމަވެސް، ޕީޕީއެމްގެ ރައީސް ކަމުގައި ހުންނަވައި އެ ޕާޓީން ކުރީގެ ރައީސް އަބްދުالله ޔާމީން ވަނީ ނުކުމެވަޑައިގެން އާ ޕާޓީއެއް އުފައްދަވާފަ އެވެ. އަދި އެ ޕާޓީން މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރެން ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު