ޚަބަރު
އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ރިޔާސަތު - ފޮޓޯ: މަޖިލިސް
ރައްޔިތުން މަޖިލީހުގެ، ބަޖެޓް ދިރާސާކުރާ ކޮމިޓީން އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

މިރޭ ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ފުށިދިއްގަރުފަޅު މަޝްރޫއު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމާ ގުޅޭ އެންމެ މުހިއްމު އެއް މަޝްރޫއެވެ. މި މަޝްރޫއު މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ފެށުމަށް ވަނީ ނިންމާފަ އެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވާ އަދަދުތަކަށް ބަދަލު ގެންނަން ހުށަހަޅާފަ އެވެ.

ޔައުގޫބްގެ ހުށަހެޅުއްވުމުގައި ބަޖެޓުން ޕީއެސްއައިޕީ ބައެއް މަޝްރޫއުތަކަށް ހުށަހަޅާފައިވާ އަދަދު މަދު ކުރުމަށާއި، ބައެއް މަޝްރޫއުތަކުގެ ސްކޯޕް ބަދަލުކޮށް މަޝްރޫއުތަކެއް އުނިކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި ބަޖެޓަށް އިތުރު މަޝްރޫއުތަކެއް އިތުރުކުރުމަށް ވެސް ހުށަހެޅުއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ޕީއެސްއައިޕީ ބަޖެޓުން އުނިކުރަން ޔައުގޫބް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ހިއްކަން ނިންމި ފުށިދިއްގަރު ފަޅު ހިއްކުން ވެސް ހިމެނެ އެވެ. އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހަރަދުކުަރަން ބަޖެޓަށް އޮތީ ހުށަހަޅާފަ އެވެ.

ޔައޫގޫބްގެ އެ ހުށަހެޅުއްވުމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތާއީދުކޮށް ވޯޓަށް އެހުމުން ކޮމިޓީން ވަނީ އެ ބަދަލުތައް ފާސްކޮށްފަ އެވެ.

ޔައުގޫބްގެ ހުށަހެޅުއްވުމާ އެއްގޮތަށް ޕީއެސްއައިޕީ ބަޖެޓަށް އިތުރުކުރި މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް ލަފާކުރަނީ 859 މިލިއަން ރުފިޔާ އެވެ.

ނަމަވެސް, ބައެއް މަޝްރޫއުތަކުގެ ބަޖެޓު ކުޑަކޮށް ފުށިދިއްގަރު ފަޅު ހިއްކުން ފަދަ ބައެއް މަޝްރޫއުތައް ޕީއެސްއައިޕީ ބަޖެޓުން އުނިކުރުމުން މުޅި ޕީއެސްއައިޕީ ބަޖެޓަށް އިރުވީ 248 މިލިއަން ރުފިޔާއެވެ. އެހެންކަމުން, މިހާރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކުރަން ހުށަހަޅާފައިވާ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 8.8 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.

މި ނިމޭ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަަރަކަށްފަހު އަހަރެއް ދައުލަތުގެ ބަޖެޓު އަންނަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު