ޚަބަރު
އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނެއް ވަރަށް އަވަހަށް ދޫކުރާނެ: މިނިސްޓަރު
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯންތައް ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އެކަން ރޭ ހާސިލުވުމަކީ އަންހެން ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގެ މަންފާކުރާނީ ހަމައެކަނި އަންހެން ވިޔަފާރިވެރިންނަކަށް ނޫން. މިއީ އެ އާއިލާތަކަށް ވެސް ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ވެސް ލިބޭ ފަހި މަގަކަށް، ކުރިމަގަކަށް އަދި ފުއްދުންތެރިކަމަކަށް އިތުރުކުރެވޭ އާ މަގަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ އަންހެނަކީ ވެސް ފުދުންތެރި އަންހެނަކަށްވުން މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ވެސް އަންހެނުން ބާރުވެރިކުރުވުންކަމަށެވެ.

އެއީ އަންހެނުން ފުދުންތެރިކުރުވަންޖެހޭކަން ސަރުކާރުން ގަބޫލުކުރާ ސަބަބުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުވަނީ މިރޭ ފަހިވި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހުރިހާ އަންހެނުންނަށް ވެސް ގޮވައިލައްވައިފި އެވެ.

ހިޔަލަ މާކެޓް ކުރިއަށް ދާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރު ޕާކު ސަރަހައްދުގަ އެވެ. މި މޭކެޓް ކޮންމެ ހަފްތާ ބަންދެއްގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށް ދާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު