ޚަބަރު
ބަންގުލަދޭޝުގައި އިންޑިއާ އައުޓް ކެމްޕޭނެއް ފަށައިފި
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކެނޑިނޭޅި މިފަހުން ރާއްޖޭގައި މުޒާހަރާ ކުރި
އިންޑިއާ އާއި އެންމެ ކައިރި އެއް އަވައްޓެރި ގައުމު، ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން އިންޑިއާގެ އުފެއްދުންތައް ބަންގްލަދޭޝްގައި ވިއްކުން މަނާކުރުމަށް ގޮވާލައި، "އިންޑިއާ އައުޓް" ހަރަކާތެއް ސޯޝަލް މީޑިއާގައި ފަށައިފިއެވެ.

އެ ކެމްޕޭނު ކުރިއަށް ގެންދަނީ، އެ ގައުމުގެ ކުރީގެ ރައީސް ޒިއާއުއް ރަހްމާންގެ އުފެއްދެވި އަދި މިހާރު އިދިކޮޅުގައި އޮތް ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީ (ބީއެންޕީ) އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކެމްޕޭނު ފަށާފައިވަނީ ބީއެންޕީގެ އެކްޓިން ޗެއާމަން އަދި ޒިޔާއުއް ރަހްމާންގެ ދަރިކަލުން ތާރިގު ރަހްމާންއެވެ.

ބީއެންޕީން މި ހަރަކާތް ފެށުމާ ގުޅިގެން އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ މި ހަރަކާތަކީ އެ ޕާޓީގެ މަޤުބޫލުކަން ކުޑަވެ، ފާއިތުވި އިންތިޚާބުގައި އެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ޕާޓީ އަލުން ކޮޅަށްޖެހުމަށް ފަށާފައިވާ ހަރަކާތެއް ކަމަށެވެ.

މި މަހުގެ 7ވަނަ ދުވަހު ބޭއްވި ބަންގްލަދޭޝްގެ އާއްމު އިންތިހާބު ކާމިޔާބުކުރެއްވި، މިހާރުގެވެސް ބޮޑުވަޒީރު ޝެއިޙް ހަސީނާ އަކީ ޕްރޯ އިންޑިއާ ބޭފުޅެއް ކަމަށް އިދިކޮޅުން ދަނީ ސިފަކުރަމުންނެވެ.

އިންޑިއާއިން ސަރަހައްދީ ހަމަޖެހުން ނަގާލައި، ސަރަހައްދީ އިޤްތިސާދުގައި ވަކިހިތްޕާލައި، އަދި ވަކީން ހާއްސަކޮށް ބަންގްލަދޭޝްގެ މާކެޓްތަކުގެ އެހީގައި ބަންގްލަދޭޝް ސަރުކާރުން، އިންޑިއާ އިތުރަށް މުއްސަދި ކުރަމުންދާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ތުހުމަތުކުރެއެވެ.

"އިންޑިއާ އައުޓް" އަދި "ސްޓެޕްޑައުން ހަސީނާ" ހޭޝްޓެގް ދަނީ ބަންގްލަދޭޝްގެ ސޯޝަލް މީޑިޔާގައި ޓްރެންޑް ވަމުންނެވެ.

ރާއްޖޭގައި ނިމިދިޔަ ސަރުކާރަކީ، "ޕްރޯ އިންޑިއާ" ސަރުކާރެއްގެ ގޮތުގައި އޭރުގެ އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ކޮށް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކެނޑިނޭޅި މުޒާހަރާ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު