ޚަބަރު
6 ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދޫކުރަނީ؛ އެމްޑީޕީއަށް 15, ޕީޕީއެމްއަށް 10 މިލިއަން
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 44 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި ތިބި މެންބަރުންގެ އަދަދަށް ބިނާކޮށެވެ. އެގޮތުން, ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ޕާޓީ، އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ބަޖެޓުން ލިބުނެވެ. އެ ޕާޓީގައި ތިބީ 52,142 މެންބަރުންނެވެ.

ދެން އެންމެ ގިނައިން ލިބުނީ ޕީޕީއެމް އަދި ޕީއެންސީއަށެވެ. ޕީޕީއެމަށް 10 މިލިއަން އަދި ޕީއެންސީއަށް 8 މިލިއަން ރުފިޔާއާއެކު ދެ ޕާޓީއަށް ޖުމްލަ 18.5 މިލިއަން ރުފިޔާ ލިބުނެވެ. ޕީޕީއެމްގައި 36,223 މެންބަރުން ތިބި އިރު ޕީއެންސީގައި ތިބީ 28,201 މެންބަރުންނެވެ. އެއީ ޖުމްލަ 64,424 މެންބަރުންނެވެ. ޕީއެންސީއަށް ފައިސާ ދޫކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެގެން އެ ޕާޓީ ޖޫރިމަނާކޮށްފައިވާ 95,000ރ. އުނިކުރުމަށް ފަހު އެވެ.

ޖުމްލަ 18,349 މެންބަރުންނާއެކީ ހަތަރު ވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޖުމްހޫރީ ޕާޓީއަށް ވެސް މިއަހަރު ދައުލަތުގެ ބަޖެޓުން 5.3 މިލިއަން ރުފިޔާ ދޭން ނިންމާފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާގޮތުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންޖެހެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު