ޚަބަރު
ރަފާ ސިޓީއަށް އިޒްރޭލުން ހަމަލާދޭން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި
ގާޒާގެ ރަފާ ސިޓީއަށް އިޒްރޭލުން ހަމަލާ ދޭން ނިންމުމުން ދިވެހި ސަރުކާރުން އެކަން މިއަދު ކުށްވެރި ކޮށްފި އެވެ. ރަފާހް އަކީ އާބާދީ ބޮޑު ސިޓީ އެކެވެ. ގާޒާގެ 2.3 މިލިއަން އާބާދީގެ ގިނަ ބަޔަކު މިހާރު ޖަމާވެ ތިބީ ރަފާހްގަ އެވެ.

އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނަށާއި މެދުތެރެއަށް ބޮންއަޅަން ފެށުމުން ރައްކާތެރިވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ރަފާހް އަށް ވަދެފަ އެވެ.

ޔަހޫދީ ޖެޓުތަކުން މިހާރު ވެސް ގެންދަނީ ރަފާހް އެކި ތަންތަނަށް ބޮންއަޅަމުންނެވެ. އެ ނޫން ގޮތެއް ހޯދަން ބޭނުން ބަޔަކު ތިބި ނަމަ ރަފާހް ދޫކޮށް މިސްރުގެ ބޯޑަރަށް ޖަމާވުމަށް ޔަހޫދީން ދަނީ ގޮވަމުންނެވެ.

ރަފާހް އަށް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ވަދެގަންނާނެ ކަމަށް ޔަހޫދީ ސިފައިން ބުނެފައިވާއިރު މި ދެ ހަފުތާ އަކީ ރައްކާތެރިވުމަށް ބޭނުންވާ މީހުންނަށް ދޭ ފުރުސަތެއް ކަމަށް ޔަހޫދީ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގަތުމުގެ ބޭނުމެއް ކަމަށް އަނިޔާވެރި ބޮޑުވަޒީރު ވިދާޅުވީ ހަމާސްއަށް ތާއީދުކުރާ ބަޔަކު ތިބި ނަމަ ދަމާ ނެރުން ކަމަށެވެ. އަދި ހަމާސް މި ދުނިޔެއިން ފޮހެލުމަކީ ވައުދެއް ކަމަށް ވިދާޅުވި އެވެ. 

ގާޒާގެ އެންމެ ދެކުނުގައިވާ ރަފަހް އަށް އެރުމަށް އިސްރާއީލުން ތައްޔާރު ވަމުންދާ އިރު، އިސްރާއީލު ހުއްޓުވައިދިނުމަށް ދުނިޔޭގެ ގައުމުތަކުން އަންނަނީ އދ ގައި އެދެމުންނެވެ. 

އެގޮތުން ސައުދީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ ހަމަލާތަކަށް ފިލަން އެތައް ސަތޭކަ ހާސް ބަޔަކަށް ރަފަހް އަށް ޖަމާވުމަށް މަޖުބޫރުވެފައިވާ ކަމަށާއި، އެފަދަ ބައިބޯ ސަރަހައްދަކަށް އަރައި ހަމަލާ ދިނުމަކީ އޭގެން ނުކުންނާނެ ނަތީޖާ ވަރަށް ނުރައްކާތެެރިވާނެ ކަމެއް ކަމަށެވެ.

އަދި ސައުދީން އެކަމާއި ދެކޮޅު ހަދާ ކަމަށާއި، އެކަންތައް ހަރުކަށި އިބާރާތުން ކުށްވެެރިކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ހިންގަމުންދާ ގަތުލްއާއްމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނެއް ދިރިއުޅެމުން ދާ، އަދި އެ މީހުންނަށް ހަމައެކަނި ރައްކާތެރިކަމެއް އޮތް ދެކުނު ޣައްޒާގެ ރަފާ ސިޓީއަށް އަރައިގަތުމަށް ދިން އިންޒާރު ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަަމަށެވެ.

އަދި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ބަޔާނުގައި ބުނީ އިސްރާއީލުން ދޭ ހަމަލާތަކާއި އިސްތިއުމާރީ ބާރުތަކުން އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށެވެ.

އިސްރާއީލުގެ ސިފައިން ރަފަހް އަށް އަރައި، ރަފަހްގައި ތިބި ރައްޔިތުން މިސްރުގެ ސިނާއީ ޕެނިންސުލާއަށް ފިލަން ދިއުމަށް މަޖުބޫރު ކޮށްފިނަމަ އަދި އިސްރާއީލުން މިސްރު ބޯޑަރު ކައިރިއަށް ސިފައިން ފޮނުވައިފިނަމަ އިސްރާއީލާއި ދެމެދު ވެފައިވާ އެތައް އަހަރެއް ކުރީގެ ސުލްހައިގެ އެއްބަސްވުން އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު މިސްރުން ވެސް ވަނީ ދީފައެވެ.

"ރަފަހްގައި މިހާރު އެއްވެސް ޖާގައެއް ނެތް، އަދި އެތަނުގައި އެތައް ބައިވަރު ފަލަސްތީނުގެ ރައްޔިތުން ތިބުމުން، ރަފަހް ގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުމަކީ ވަރަށް ނުރައްކާތެރި ކަމެއް" މިސްރުގެ ފޮރިން މިނިސްޓަރު ސާމިހް ޝުކްރީ ވިދާޅުވެފައި ވެއެވެ.

ގާޒާގެ ސަރުކާރުން ބުނާ ގޮތުގައި ރަފަހްގައި މިހާރު 1.4 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ. އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަގުމަތިވެފައިވާ މީހުންނެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 28،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު