ޚަބަރު
ދިމްޔާތުގައި ހުންނެވިއިރު ދައުލަތުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާނެ: ރައީސް
އަމިއްލަފުޅު ގެކޮޅު ދިމްޔާތުގައި ހުންނެވި އިރު ހަރަދުތައް ކުރެއްވި ގޮތާއި ވެރިކަމުގެ 100 ދުވަސްތެރޭ ކެއުމުގެ ހަރަދަށް 30 މިލިއަން ހަރަދު ކުރި ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވާ އެއަށް ރައީސް ރައްދު ދެއްވައިފި އެވެ.

އެ މަނިކުފާނު އެ މައްޗަށް ވާހަކަފުޅު ދެއްކެވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ށ. ފުނަދޫ މީހަކު ކުރި ސުވާލަކާ ގުޅިގެނެވެ. 

ސުވާލު ކުރި މީހާ ބުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހު ރައީސްގެ ދެކަނބަލުންގެ ފަރިއްކޮޅަށް 30 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރި ކަމަށް ބުނާ ކަމަށެވެ. އަދި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ރިޔާސީ ގަނޑުވަރު -- މުލިއާގެ އަށް ބަދަލުވެވަޑައިގަތުމާ ހަމައަށް އަމިއްލަ ގެކޮޅު -- މ. ދިމްޔާތުގައި ހުންނެވި ދުވަސްވަރު އެކި ކަންކަމަށް ދައުލަތުން 25 މިލިއަން ރުފިޔާ ހޭދަކުރި ކަމަށްވެސް ބުނާ ކަމަށް ސުވާލުކުރި މީހާ ބުނެފައިވެ އެވެ. އެހެންވެ ރައީސްގެ ކިބައިން އޭނާ އެދިވަޑައިގަތީ މިކަމުގެ ހަގީގަތް ސާފުކޮށްދިނުމަށެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ކުރިއާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކާތައް ފެތުރުން މިހާރު ވަރަށް ބޮޑަށް އިތުރުވެެއްޖެ ކަމަށެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުންނާ ގުޅޭގޮތުން ދެކެވެމުން ދިޔަ ވާހަކަތަކަކާ ގުޅިގެން ސުވާލެއް ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ސުވާލުގައި ހިމެނޭ ވާހަކަތަކަކީ އެމަނިކުފާނުވެސް ޖަވާބެއް ދޭން ބޭނުންވެ އެކަމަކު ޖަވާބެއް ނުދެވި އޮތް ވާހަަކައެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްވަރު ދައުލަތުން 25 މިލިއަން ރުފިޔާ އަދި އެމަނިކުފާނާއި އަނބިކަނބަލުންގެ ފަރިއްކޮޅަށް ދައުލަތުން 30 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. 

"ތިރީސް މިލިޔަން ވެއްޖިއްޔާ ދުވާލަކު އެތައް ލައްކައެއް ހަރަދު ކޮށްގެން ނޫންތޯ 100 ދުވަސްތެރޭ 30 މިލިއަން ދާނީ"

ރައީސް ވިދާޅުވީ އެ މަނިކުފާނަށް މިހާރު ގަބޫލުފުޅު ކުރެއްވެނީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް  އެނގި ވަރަށް ދެފުށް ފެނަން ގޮތަށް ހާމަކޮށް ބޮޑުކޮށް ހުރިހާ އެންމެނަށް ކަންކަން އެނގެމުން ދާތީ އެކަންކަމަށް ދޭނެ ރައްދެއް އިދިކޮޅުގައި ނެތީ ކަމަށެވެ.

"އެހެންވީމާ ހަދަހަދައިގެން ހުސް ދޮގު ވާހަކަ އެއްވެސް ވަރަކަށް ތެދެއް ނެތް ދޮގު ވާހަކަ ފެތުރުން މިހާރު ސްޓްރަޓަޖީއަކަށް ހަދައިގެން ގެންގުޅެނީ އިދިކޮޅު ފަރާތްތައް... ދެން ރަޖިސްޓަރީ ނުކުރާ ނޫސްތަކާ އެފްބީ ޕޭޖްތަކުގައި ވެސް. ރައްޔިތުން ގާތު އަޅުގަނޑު އެދެން އޮތީ މިކަހަލަ އެއްވެސް ވާހަކައެއް އިވިއްޖެއްޔާ ހަގީގަތް ބައްލަވާލައްވާށޭ ވަރަށް ސާފުކޮ ފެންނާނޭ،"  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު