ޚަބަރު
ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމަށް ތައްޔާރުވެއްޖެ
ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގެ ބޮޑުބައި އެއްކޮށް ނިންމައި، ރޯދައިގެ ކުރިން ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

މަގު އަލުން ހުޅުވާލުމަށް ތައްޔާރުވެފައިވާތީ ސްޓެލްކޯ އިން އިއްޔެ ވަނީ މަގު ހުޅުވުމަށް ވެފައިވާ ތައްޔާރީތައް ނޫސްވެރިންނަށް ދައްކާލާފަ އެވެ.

ދޮންއަދަރާދަ މަގު އަލުން ހުޅުވާލާއިރު އެ މަގުގައި އަލުން ގާ އަތުރައި މަގުގެ ދެ ފަރާތުގައި ގަސް އިންދާ، މަގު ބައްތިވެސް ވަނީ ހަރުކޮށްފަ އެވެ. ދޮންއަދަރާދަ މަގުން އަލުން ހުޅުވާލާތީ އެ މަގުގެ ދެ ފަރާތުގައިވާ ސްޓެލްކޯގެ ދެ އިމާރާތް ވަނީ މަތިން މަގު ހުރަސްކޮށް ބްރިޖަކުން ގުޅާލާފަ އެވެ. 

އެ މަގު ހެދުމުން ފަޔާ އިންޖީނު ފަދަ ބޮޑެތި އުޅަނދުތަކަށް ވެސް ދަތިކަމެއް ނެތި އެ މަގުން ދަތުރުކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާން މަސް އަންނަން ވާއިރަށް މަގުހުޅުވާލެވޭނެ. އަދި ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމިއޮންނާނީ ރައްޔިތުންގެ ހިދުމަތުގައޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ ދޮންއަދަރާދަ މަގު އަލުން ހުޅުވާލުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކުންފުނީގެ ލެވެލްގައި ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފަށައި ދުވަސް ކަމަށެވެ. މި މަސައްކަތުގެ ބުރަކަން އިހްސާސްވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ މާލޭގެ ރައްޔިތުންނަށްޓަކައި މިއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ދޮންއަދަރާދަ ހިނގުން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު