ޚަބަރު
ނަޝީދުގެ ބުނުމެއް؛ އެންމެން ގޮސް ރައީސް މުއިއްޒު އެކަނިވެއްޖެ.!
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން އެކަނިވެރިވެފައިވާ ކަމަށާއި އެ މަނިކުފާނަށް މިހާރު ގެންގުޅުއްވާ ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން، ގާނާގައި ދިރިއުޅުއްވާ ނަޝީދު ވަނީ އިންޑިއާގެ ރިޕަބްލިކް ނަަމަކަށް ކިޔާ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި "ރައީސް މުއިއްޒުގެ ވެރިކަން ވެއްޓިނާތޯ ނަޝީދާ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އާދެވުނީ ދެ ސަބަބަކާ ހެދި ކަމަށެވެ.

އެއްކަމަކީ ރައީސް ސާލިހުގެ ބަލިކަށިކަމުންނާއި އެމްޑީޕީ ތެރޭގެ ކޯޅުންގަނޑުގައި ޕާޓީ ދެބައިވެ ނަޝީދުގެ ސަޕޯޓަރުންވެސް ފަހުން ރައީސް މުއިއްޒަށް ތާއީދުކުރުމެވެ. ދެވަނަ ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ހާލަތު މުޅިން ބަދަލުވެއްޖެ ކަމަށާއި އެ އެންމެން ރައީސް މުއިއްޒާ ދޫކޮށްލައިފި ކަމަށާއި ޕީޕީއެމް/ޕީއެންސީވެސް އޮތީ ބައިބައިވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިހާރު އެ އެންމެން ރައީސް މުއިއްޒު ދޫކޮށް ހިނގައްޖެ، ރައީސް ޔާމީން ފެޔަށް ޖެހިވަޑައިގެންނެވުމުން މުއިއްޒުގެ އަމިއްލަ ޕާޓީ އޮތީ ބައިބައިވެފަ، މުއިއްޒު އަރިހުގައި އެކަކަވުސް ނެތް، އެ އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި،" އިންޑިއާއަށް އަބަދުވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން އާ ފުރޮޅުމަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި މިހާރު ސިޔާސީ މަސްރަހު އޮތް ގޮތް ވަޒަންކޮށްލަން ރަނގަޅު ފުރުސަތެއް ކުރިމަތީ އޮތް ކަން ފާހަގަ ކުރެއްވި އެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށެވެ. 

އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ސިޔާސީ މައިދާން މިހާރު އޮތްގޮތް ސާފު ވެގެން ދާނެ އެވެ.


ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ގޮވަމުން ވެރިކަމަށް އައި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ކެމްޕެއިން ގަބޫލުނުކުރެއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިގެންވެސް ވާކަށް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ބޭނުންވެލައްވަނީ އެކަން އެހެން ގޮތަކަށް ކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެގޮތަށް ކޮށްގެން ވާނެ ކަމަކަށް. އެމަނިކުފާނު ބޭނުންފުޅުވަނީ ސިފައިންގެ ބަދަލުގައި ސިވިލިއަން އެކަން ކުރަން. މިކަން އެންމެ ފުރަތަަމަ ވެސް ކުރަން ނިންމާފައިވާ ގޮތަކީ، އެމީހުން ރާއްޖޭގެ ސިފައިން އެ މަސައްކަތްތައް ކުރަން ޓްރެއިން ކުރަން. އަދި ޓްރެއިނިން ނިމެންދެން އެމީހުން ރާއްޖޭގައި ތިބެން. އަޅުގަނޑު ގަބޫލު ކުރަނީ އެކަން އެގޮތަށް ވާން. އަޅުގަނޑު ގަބޫލު ކުރަނީ އެހެން އެކަން ވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އެދުމަށް ދެކޮޅު ހެދުމެއް ނެތި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާއިން އެއްބަސްވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިންޑިޔާއިން ރާއްޖޭގެ ނިންމުންތަކަށް އިހްތިރާމް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު