ޚަބަރު
ޕީޕީއެމް ފިކުރުގެ މިހާރުގެ ލީޑަރަކީ ރައީސް މުއިއްޒު
ޕީޕީއެމްގެ ފިކުރަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށް ވިދާޅުވެ އެ ފިކުރުގެ މިހާރުގެ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ އެއީ ވަކި މީހެއްގެ މިލްކެ އްނޫން ކަމަށެވެ. އެއީ ގައުމިއްޔަތުގެ ފިކުރު ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އަބަދުވެސް ޕީޕީއެމްގެ ފިކުރު އޮންނާނީ ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްގެ އަތްމަތީގައި،". އަދުރޭ ވިދާޅުވިއެވެ

އަދުރޭ ވިދާޅުވީ މިއަދު އެ ފިކުރު އޮތީ ޕީޕީއެމް/ޕީއެންސީގައި ކަމަށާއި އެ ފިކުރުގެ މިހާރުގެ ލީޑަރަކީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.

މިހާރު ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ރައީސްް މުއިއްޒެވެ. އެމަނިކުފާނުގެ ވެރިކަމުގެ މި ފަސް އަހަރު ރާއްޖެ ތަރައްގީގެ ގޮތުން ވަރަށް ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރަކަށް ކުރިން ހުންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވާއިރު އެމަނިކުފާނު ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު ޔާމީން މިހާރު ގެންދަވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނުގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ވެސް ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު