ޚަބަރު
އަނިޔާވެރިކަމުގެ ހިތި ސިލްސިލާ އިޔާދަވާން ފަށައިފި
އިދިކޮޅު ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމަކީ އަނިޔާވެރިކަމުގެ ހިތި ސިލްސިލާ އިޔާދަވާން ފެށުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ސޯލިހް މިހެން ވިދާޅުވީ އާރުޑީސީގެ އެތައް މިލިއަން ރުފިޔާގެ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ބައެއް ތަފްސީލް ހާމަކޮށް އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންނާއި އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ފަށާފައި ވަނިކޮށް އެ މައްސަލާއިގެ ތަހުގީގަށް ހާޒިރުވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެންގުމާއި ގުޅިގެންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށެވެ.

"އެއްވެސް އަސާސެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރު ކުރަން ފެށުމުން އެ އިޔާދަ ވަނީ ކުރީގައި ވެސް އަޅުގަނޑުމެން ދުށް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ. އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ،" ސޯލިހް ވިދާޅުވި އެވެ. 

ފައްޔާޒަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހަށް ހާޒިރުކުރެވެނީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ކަމަށެވެ. އަދި އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ޗިޓުގައި ބުނެފައިވެ އެވެ.

އާރްޑީސީ ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށް ފައްޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުކުރާއިރު، މިކަމާ ގުޅިގެން ސޯޝަލްމީޑިއާގައި އޭނާ ބުނެފައިވަނީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށާއި، އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން." ފައްޔާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު