ޚަބަރު
ބައެއް ރަށު ކައުންސިލަރުން ތިބީ އެމްޕީގެ ޕޭރޯލުގައި..!
ރަށު ކައުންސިލަރުންގެ ތެރެއިން ބައެއް ކައުންސިލަރުން އެމީހުންގެ ވާޖިބުތަކަށް އިހުމާލުވެ، އިތުރު ޒާތީ އެޖެންޑާތަކަށް މަޖިލީހުގެ މެންބަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ މައްސަލައަކީ ޤާނޫނާ ޚިލާފުވުން ތޯއެވެ؟ ތަހުޒީބު މުޖުތައައުތަކުގައި ކުށެއް ކުށަކަށް ވަނީ ހަމައެކަނި ޤާނޫނުގައި ލިޔުމަކުން ނޫނެވެ. ވަޒީފާގެ ޒިންމާ އިޚުލާޞްތެރިކަމާއެކު އަދާ ނުކޮށް ވަކިމީހެއްގެ ކެމްޕޭނު ހަރަކާތެއް އޮތަތީ ވަޒީފާއިން ޗުއްޓީ ނެގުމަކީ ރައްޔިތުން އިންތިޚާބުކުރި ކައިންސިލަރު އޭނާގެ މަގާމު ނާޖާއިޒު ގޮތުގައި ބޭނުންކުރުމެވެ. އަދި ވަކިމީހެއްގެ "އެޖެންޓެއް"ގެ ގޮތުގައި ކައުސިލަރުން އޭނާގެ ޒިންމާ އުފުލުމަކީ ގާނޫނޫ ދަންނަ ހަމައެއް ނޫނެވެ.

މިހެން މިދެންނެވީ، ކޮމިއުނިޓީ ލީޑަރުންގެ ގޮތުގައި އެމީހުންގެ ދައުރުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާކުޑަކުރުމަކީ އެމީހުންނަށް ކުރެވޭ އިތުބާރު ގެއްލި، އާންމު މަސްލަހަތަށް ޚިދުމަތް ކުރުމަށް އެމީހުން ކުރާ ވައުދާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަކަށް ވާތީއެވެ.

ކައުންސިލް އިދާރާގެ ތެރޭގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބަދަލުގައި، ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުން އަމިއްލަ މަސްލަހަތާއި ސިޔާސީ ގުޅުންތަކަށް އިސްކަންދޭކަން ވަނީ ފާހަގަކުރެވިފަ އެވެ. ގިނަ ބަޔަކު ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތަކުން ދުރުވެ، އޭގެ ބަދަލުގައި މަޖިލީހުގެ މެންބަރުންގެ އެދުމުގެ މަތިން އެކި ރަށްތަކުގައި ދަނީ ސިޔާސީ ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވާޖިބަށް އެދަނީ އިހުމާލުވުމަމުންނެވެ. އިންތިހާބީ މަގާމެއްގައި ހުރި މީހެއްކަން ހަދާންނެތި ރައްޔިތުން ތަފާތުކުރަނީ އެވެ. ވޯޓުން ބަލިވެ މޮޅުވާ "އިންތިހާބީ މީހާ" ރައްޔިތުންނަށް ޗެލެންޖް ކުރަނީއެވެ. ބުނާގޮތް ހެދީމާ ކަންކަން އަވަސްވާނެ ކަމަށް ބުނެ ބިރުދައްކަނީ އެވެ. 

މީގެ އިތުރުން ކައުންސިލަރުން ރައްޔިތުންނާ މުއާމަލާތް ކުރާއިރު "އޭނާގެ އެމްޕީ" އަށް ވޯޓު ދިނުމަށް މަޖުބޫރު ކުރާ މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ. ވަކި ސިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކަށް ތާއީދު ކުރުމަށް ރައްޔިތުންނަށް ދަނީ ޕްރެޝަރު ކުރަމުންނެވެ. ބައެއް ކައުންސިލަރުންގެ އަބިންނާއި ދަރިންނަށް އެމްޕީގެ ހަރަދުގައި މާލެއިން ދިރިއުޅޭނެ އެޕާޓް ލިބުން އެއީ "ނިކަމެތި ރައްޔިތުމީހާ" ކައުންސިލަަރަށް ގުދުވާން ޖެހޭ ސަބަބެއް ނޫނެވެ. ކައުންސިލަރުގެ އާއިލާއާއި ގާތްމީހުން ބޭރަށް ފުރަން ވީމާ އެމްޕީ ދެއްވާ 1000 ޑޮލަރާއި ދެ ކޮޅު ޓިކެޓް ލިބެން އެންމެ ހައްގީ ބޭނުން ޖެހިފައިވާ ނިކަމެތި ރައްޔިތުންނަށެވެ. 

މި ހާލަތުގައި އުނދަގޫވާ އަނެއް ކަމަކީ މަޖިލީހުގެ މެންބަރުން ކައުންސިލް މެންބަރުންގެ މައްޗަށް "ޕްރޮޖެކްޓުން ކަޓުދީގެން" ހިންގަމުންގެންދާ ނާޖާއިޒު ނުފޫޒެވެ. ގިނަ ފަހަރަށް މަޖިލިސް މެމްބަރުން ކައުންސިލަރުންގެ ދިރިއުޅުމުގެ ހަރަދުތައް ކަވަރުކޮށް، މި އިންތިޚާބުވެފައިވާ މީހުންގެ ޚުދުމުޚުތާރުކަމާއި، ފޮރުވިފައިވާ ޚިޔާނާތާއި ރިޝްވަތުގެ ގޮތުގައި ބެލެވޭނެ މާލީ ބަރޯސާވުމެއް އުފެދިފައިވާކަމަށް ބެލެވެ އެވެ. ސަބަބަކީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން ގުޅިގެން ހިންގާ މަޝްރޫއުތައް ހިމެނޭއިރު، ސިޔާސީ ހަރަކާތް ތަމްސީލުކުރުމާއި އިދާރީ ވެރިކަމާ ދެމެދު އޮތް ރޮނގުތަކުގެ ތެރޭގައި އެކަންކަން ފޮރުވިގެންދާތީ އެވެ.

ރަށު ކައުންސިލަރުންނަކީ އެމީހުންގެ ރަށުގެ ގްރާސްރޫޓް މަންދޫބުންގެ ގޮތުގައި މަސައްކަތްކުރާ، ރަށު މީހުންގެ ބޭނުންތަކާއި މަސްލަހަތަށް ވަކާލާތުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާކަން ބައެއްކަން ދެނެގަނެ އެގޮތަށް މަސައްކަތް ކުރަންޖެހޭ ކުރީގެ ބަހުންނަމަ "ރަށުގެ ކުޑަ/ބޮޑު ކަތީބު" އެވެ. ވަކި ފަރާތަކަށް ނުޖެހި މުޖުތަމައު ތަރައްގީ ކުރުމަށް މަގުފަހިކޮށްދޭ ފަރާތްތަކެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނެވެ. ވަކިރައްޔިތެއް ބާކީ ނުކޮށް ވަކިކުލައަކަށް "ރިއޭކްޓް" ނުކުރާ ރައްޔިތުންގެ އަދުލުވެރިޔާ އެވެ.

އެހެންކަމުން، ވާޖިބު ދޫކޮށްލައި ތިހިންގާ ގޯސް އަމަލުތަކުގެ ތުހުމަތުތައް ތަހުގީގުކޮށް، ވާޖިބާ ހިލާފު ކަމަށް ފެންނަ މީހުންނަށް ޖަވާބުދާރީވުން ކަށަވަރުކުރުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ. މީގެ އިތުރުން އޮވަރސައިޓް މެކޭނިޒަމްތައް ހަރުދަނާކުރުމާއި އިންތިޚާބުވެފައިވާ މީހުންގެ ކިބައިން އުންމީދުކުރާ އަޚްލާޤީ މިންގަނޑުތައް ހަރުދަނާކުރުމަށް ފިޔަވަޅުތައް އަޅަންޖެހެ އެވެ. އާންމުންގެ އިތުބާރު އަލުން ހޯދައި، އަޅުގަނޑުމެންގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓޭނީ، ހާމަކަން ބޮޑުކަމާއި، ނަޒާހަތްތެރިކަމާއި، ޖަވާބުދާރީވުން ދެމެހެއްޓުމަށް އެއްބައިވަންތަ މަސައްކަތްތަކެއް ކުރުމުންނެވެ. މަޖިލިސް މެމްބަރުގެ ޕޭރޯލުގައި ކައުންސިލަރުން އެއުޅޭ ދިރިއުޅުން ތަހުގީގުކޮށް އެމައްސަލަތައް ބެލެން ވާނެ އެވެ.

"ބައެއް ރަށު ކައުންސިލަރުން ތިބީ އެމްޕީގެ ޕޭރޯލުގައި..!" ބުނާ ބުނުމަށް ނިމުން އަންނަން ޖެހެ އެވެ. މުޅި ލާމަރުކަޒީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށެވެ. ކުދި ސަރުކާރު ހަދައިގެން އެމްޕީއާއި ރަށު ކައުންސިލަރުން ގުޅިގެން "ޖީބު ބޮޑުކުރަން" ރަށުގައި ހިންގާ "އަދިރި ވިޔަފާރި" ހުއްޓުވުމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
40%
10%
40%
10%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު