ޚަބަރު
އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކޮށް ލަސްކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހު
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ބިލް ތަސްދީގުނުކުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ގއ. މާމެންދޫގައި ހުންނަވާ ސޯލިހު އިއްޔެ ވިދާޅުވީ އެ ރަށް ހިމެނޭ ކޮލަމާފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު، ސައްޔާހު ހަލީލަކީ ޕާޓީ ބަދަލުކުރާނެ މެންބަރަކަށް ނުވާނެ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށް މިހާރު މަޖިލީހުން އެންޓި ޑިފެކްޝަން ބިލެއް ފާސްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒު ހުންނެވީ އެ ބިލު ހިފަހައްޓަވައިގެން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކޮށް، ގާނޫނަކަށް ނުހަދާ ހިފަހައްޓައިގެން އިންވުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއަށް ފާޅުގަ އެމަނިކުފާނު އަޅުއްވާ ހުރަހެކޭ،" އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރާ މެންބަރަކު އަމިއްލައަށް މެންބަރުން ކަމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ. 

މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 33 މެންބަރުން މި ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.

ޖުމުލަ 10 މާއްދާއްގެ މައްޗަށް އެކުލެވޭ އެ ބިލުގައިވާ ގޮތުން ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު