ޚަބަރު
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި މިހާރު ދަ ޑިމޮކްރެޓްސް އަށް ނިިސްބަތްވާ ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހޯދި ފުރިހަމަ ކާމިޔާބީއަށްޓަކައި އެ ޕާޓީގެ މެންބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕާޓީގެ އިސްވެރިންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. 

ރައީސް ނަޝީދުވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެން މަޖިލީހުގެ ރައީސްކަންކުރައްވާފަ އެވެ. ރައީސް ނަޝީދު ވަނީ ސިޔާސީ ހަރަކާތްތަކުން ދުރުވެވަޑައިގެންކަން މީގެ ދުވަސްކޮޅެއް ކުރިން އިޢުލާނުކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނު 19 ވަނަ މަޖިލީހުގައި މެންބަރުކަމުގައި ހުންނެވި މަންޗަންގޮޅި މެދު ދާއިރާގެ ގޮނޑި ދިފާއުކުރުމަށް ވާދަކުރައްވާފައި ނުވެ އެވެ.

ރައީސް ނަޝީދުގެ އިތުރުން ސިޔާސީ އެކި ޕާޓީތަކުގެ ލީޑަރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ތަހުނިޔާ ދަންނަވާފަ އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީން މިހާތަނަށް 67 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން އެންޑޯޒްކުރި ބައެއް ކެންޑިޑޭޓުންވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުހައްމަދު ވަނީ ދ. މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އިންތިހާބުގައި ތިން ސިޔާސީ ޕާޓީއެއްގެ ލީޑަރުން ވާދަކުރައްވާތީ އެ ދާއިރާތަކަށް ޕީއެންސީން އެއްވެސް ކެންޑިޑޭޓަކު ނެރެފައިނުވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު