ޚަބަރު
މަޖިލީހުގެ އިންތިހާބު: އޮބްޒާވަރުންގެ ތައުރީފް އީސީއަށް
ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި މޮނިޓަރުންގެ ޓީމު
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އިންތިޒާމުތައް ވަރަށް ރަނގަޅު، ފުރިހަމަ އިންތިހާބެއް ކަމަށާއި އެ ގައުމުތަކުގެ އިންތިހާބުތަކުގައި ބޭނުންކުރެވިދާނެ ރަނގަޅު އާ އިންތިޒާމުތަކެއް ދަސްވެފައިވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ އޮބްޒާވަރުން އިލެކްޝަން ކޮމިޝަން (އީސީ)އަށް މިއަދު ތައުރީފު ކޮށްފި އެވެ.


މަޖިލިސް އިންތިހާބު އޮބްޒަރވްކުރި ބޭރުގެ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮބްޒާވަރ ޑރ. ޝަހަބުއްދީން ޔައުގޫބް ޤގުރެއިޝީ ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން އެންމެ ޝަކުވާއެއްވެސް އައިސްފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރުމެންގެ ޓީމުގައި 9 ޤައުމަކުން 19 އޮބްޒަރވަރުން ހަރަކާތްތެރިވި. އޮބްޒަވޭޝަން ކުރިއަށް ގެންދިޔައީ 4 ޓީމަކަށް ބަހާލައިގެން. އިންތިޚާބުގެ ހުރިހާކަމެއްވެސް ގަޑިއަށް ފަށާ ނިންމިކަން ފާހަގަކުރެވުނު. އެގޮތުން ބޫތުތައް ގަޑިއަށް ހުޅުވުނު. އިންތީޚާބުގެ މާޙައުލުން ފެނުނީ ވަރަށް ތަހުޒީބު ބައެއް. ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން މުހާތަބު ކުރަނީ ވަރަށް އިހުތިރާމާއި މަނޑުމައިތިރިކަމާއެކު." ޑރ. ޝަހަބުއްދީން ޔައުގޫބް ވިދާޅުވި އެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ޓީމުގެ ޗީފް ޑރ. ޝަހާބުއްދީން ޔައުގޫބް ގުރައިޝީ ވިދާޅުވީ، އީސީން މި އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސި ގޮތާ މެދު ވަރަށް ބޮޑަށް މުޅި ޓީމް ހިތްހަމަޖެހޭ ކަމަށާއި އިންތިޒާމުތަކާ މެދު އަދި އިންތިހާބު ކުރިއަށް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން އެއްވެސް މީހެއްގެ ފަރާތުން ވެސް އެ ޓީމާ ހަމައަށް ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

އިންޑިއާގެ ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ ޝަހާބުއްދީން ވިދާޅުވީ، އީސީން އިންތިޒާމުތައް ހަމަޖެއްސި ގޮތަށް ބަލައި އެ ގައުމުގެ އިންތިހާބުތަކުގެ އިންތިޒާމުތައް ހަމަޖައްސާއިރު ރަނގަޅުކުރެވިދާނެ ނުވަތަ ހިމެނިދާނެ ކަންކަން ވެސް ދަސްވެގެންދިޔަ ކަމަށެވެ.

އެ ޓީމުގައި ހިމެނޭ ބޫޓާންގެ އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރު ގޮވިންދާ ސުބިދާ ވެސް ވަނީ އިންތިހާބުގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމެޖެހޭކަން ފާހަގަކުރައްވައި އީސީއަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެ އިންތިޒާމުތައް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެގޮތަށް ކުރިއަށް ގެންދިއުމަށް އޭނާ އީސީއަށް އިލްތިމާސްކުރެއްވި އެވެ.

"އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި ވޯޓުލާ ފަރާތްތަކަށް އިންތިޒާމުތައް ހަމަޖައްސާފައި ހުރި ގޮތާ މެދު ވަރަށް ބޮޑަށް ހިތްމަޖެހޭ. އޮންލައިންކޮށް ވޯޓިންގެ ރަޖިސްޓްރީ ހަމަޖައްސާފައިވުމަކީ ވެސް ވަރަށް އިމްޕްރެސިވް ކަމެއް. މިއީ އަހަރެމެންގެ ގައުމުގައި ވެސް ކުރެވިދާނެ، ރަނގަޅު އިންތިޒާމެއް ކަމަށް ދެކެން،" ގޮވިންދާ ވިދާޅުވި އެވެ.

އިއްޔެ އޮތް އިންތިހާބު ގައި އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ. އެމްޑީއޭއަށް ދެ ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއާ އެމްއެންޕީއަށް އެންމެ ގޮނޑި އެކެވެ. އަމިއްލަ ގޮތުން ވާދަ ކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި އެވެ. އަދާލަތާއި ދަ ޑިމޮކްރެޓްސްއާ ރައީސް ޔާމީންގެ ތާއީދާ އެެކު ނިކުތް އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުހޯދުނެވެ. 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު