ޚަބަރު
ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށައިފި
ރާއްޖެއިން ހައްޖަށް ގެންގޮސްދޭ އަގު ހެޔޮ ކުރުމުގެ މަސައްކަތް ދައުލަތުގެ ކުންފުނި ހައްޖު ކޯޕަރޭޝަނުން ފަށައިފި އެވެ.

ރާއްޖޭން ހައްޖަށް ގެންދާ 1000 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިދިޔަ ޑިސެންބަރު 26ގައި ބޭއްވި ރަސްމިއްޔާތެއްގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ރޭ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖު ފަންޑުން އެކި އިންވެސްޓުމަންޓުތައްކޮށް އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހެދުމަށް ހައްޖަށް ގެންދާ އަގު ކުޑަކުރުމަށް ރިއަލްއެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެކުރިން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ އަހަރެއްހާ ދުވަސްތެރޭ ހައްޖަށް މީހުން ގެންދާ އަގު ހެޔޮ ކުރެވޭނެ ކަމަށެވެ.

ހައްޖަށް ގެންދިއުން ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް މިިިދިޔަ ޑިސެމްބަރުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ހައްޖަށް މީހުން ގެންދާ އަގު ކުޑަ ކުރެވޭނޭ ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ ރަސްމިއްޔާތުގައި ޝަކީލު ވެސް ވިދާޅުވެފައިވަނީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ފައިސާގެ އަދަދު ކުޑަކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކި ދާއިރާތަކުން އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަން ތަރައްގީކޮށް އާމްދަނީ އިތުރުކޮށްގެން ނަމަވެސް، ހައްޖަށް މިހާރު ނަގާ އަގު ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު