ޚަބަރު
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ފަށައިފި
ގަވާއިދާ ހިލާފަށް އުޅޭ ބިދާސީން ރާއްޖޭގައި ގިނަ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި "އޮޕަރޭޝަން ކުރަނގި" ނަމުގައި ހާއްސަ މަސައްކަތެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއިން ކ. ހިންމަފުށީގައި މިއަދު ފަށައިފި އެވެ.

ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، "ކުރަނގި" ނަމުގައި ފެށި ގައުމީ ކެމްޕެއިން ފައްޓަވައިދެއްވަމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބިދޭސީންގެ ކަންކަން ބޮއްސުންލައިގެން ގޮސް، އިޖުތިމާއީ މައްސަލަތައް ގިނަވެފައިވާ ކަމަށެވެ.

އެހެންވެ، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރަން ގައުމީ ބޮޑު މަސައްކަތެއް ފެށީ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އޮޕަރޭޝަން ކުރަނގިއަކީ ރާއްޖޭގައި އެތައް އަހަރުތަކެއް ވެފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފެށޭ މުހިންމު މަސައްކަތެއް އަޅުގަނޑުމެން މި މައްސަލަ މި ނަގަނީ ގައުމީ ސަލާމަތަށް އޮތް ސެކިއުރިޓީ ކޮންސާނެއްގެ ގޮތުގައި އެގޮތަށް އަޅުގަނޑުމެން މި މައްސަލަ ހައްލުކުރަން ވެސް މި މަސައްކަތްކުރަނީ،" އިހުސާން ބުންޏެވެ.

މި މަސައްކަތުގެ ދަށުން ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅެނީ ކޮން ގައުމެއްގެ ކިތައް ބިދޭސީންކަން އެނގޭނެ ކަމަށާއި، އެމީހުން މަސައްކަތްކުރާ ތަނާއި ހަވާލުވެގެން ތިބި މީހުން ވެސް އެނގޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އަދި މައްސަލައިގެ އަސްލު ދެނެގަނެވި ހައްލުކުރާނެ ޕްލޭނެއް ހެދިފައިވާ ކަމަށެވެ.

ހުސާން ވިދާޅުވީ ރާއްޖެ އައިސް ފުރައިގެން ގޮސްފައިވާ ބިދޭސީންގެ މައުލޫމާތުތައް އެ ސިސްޓަމްގައި ހުންނާނެ ކަމަށެވެ. ހުރިހާ ގައުމެއް ހިމަނައިގެން 200،000 މީހުންގެ ރިކޯޑު ހުރުމުން، ބިދޭސީން ފިންގަޕްރިންޓް ޖަހާއިރު އެ މީހާ ދެނެގަނެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ސީދާ ކާކުކަން ނޭނގުނަސް ސިސްޓަމުން ދައްކާނެ އެންމެ ގާތްކުރަނީ މި ތިބި 10 މީހުންނޭ. މި މީހުންގެ ތެރެއިން ޕްރޮބެބިލިޓީ އެންމެ ހައިއީ މިވެނި މީހެކޭ. ދެން އެ މީހާގެ ޕާސްޕޯޓު ޕުލްއައުޓުކޮށްފައި، ގްރައުންޑުގައި ހުރި މީހާއާ ޖައްސާލާއިރު އެއީ އެ މީހާ ކަމަށްވަންޏާ އެ ސައިން ކުރާނީ." އިހުސާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު