އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ޝަރުތުކުރުމަށް ފަހު ކޯޓުން ދޫކޮށްލައިފި
އައިމިނަތު ޝިޔާޒާ
07 މެއި 2024 - 21:42
0 comments
އެއާޕޯޓުގައި މާރާމަރީ ހިންގި ބިދޭސީ މީހާ.
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރި ހިންގި ބިދޭސީ މީހާ އަށް ޝަރުތުކުރުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.މި ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މާރާމާރީ ހިންގި ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކޮށް، އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު، ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި މުވައްޒަފަކަށް ހަމަލާ ދޭ ތަނެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީ މީހާ ޖަހާ ތަން ފެނެ އެވެ.ބިދޭސީމީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރި އެވެ. އަދި އާންމުންގެ މީހަކު ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް އޭނާ ގޮވައިގެން ދުރަށް ދެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ ފަހުންނެވެ.މާރާމާރީ ހިނގަން މެދުވެރިވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ. އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވަނީ އެނގިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު