ވިޔަފާރި
ވިޔަފާރިތަކަށް ބީއެމްއެލްއިން ބަލްކު ޕޭމަންޓް މިހާރު ޓްރާންސްފާ ކުރެވޭނެ
ބީއެމްއެލްގެ އިޝްތިހާރެއް: ރާއްޖޭގެ އެންމެ ބޮޑު ބޭންކަކީ ބީއެމްއެލް -- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭ ގޮތް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއް ފަހަރާ ގިނަ ފަރާތްތަކަށް ޖަމާކުރަން ޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓުތަކަށް އޮޓޮމެޓިކްކޮށް ބަލްކު ޕޭމަންޓު ހެދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިންގެ ޑައިރެކްޓާ އަހުމަދު އަސީފް ވިދާޅުވީ މިބަދަލާއެކު، އިންޓަރނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކު ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި، ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ ކަމަށެވެ.

"ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބަޔެއް އަދި ބޭންކިންގ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން. މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާރޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތްކުރަމުންދާނަން." އަހުމަދު އަސީފް ވިދާޅުވި އެވެ.

އިންޓަރނެޓް ބޭންކިންގ ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު