ވިޔަފާރި
އިގްތިސޯދީ ހުރި، ގޮންޖެހުން ކުޑަކުރަން ފިޔަވަޅުތައް އަވަސްކުރަން ޖެހޭ: ވޯލްޑް ބޭންކް
ވޯލްޑް ބޭންކުގެދެކުނު އޭޝިއާގެ ސަރަހައްދުގެ ވައިސް ޕްރެޒިޑެންޑް ރައީީސް މުއިއްޒުއާ ބައްދަލުކުރައްވަނީ
ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދެމެހެއްޓުމަށް ރާއްޖޭން އެކުލަވާލާފައިވާ މާލީ ރިފޯމު އެޖެންޑާ ތަންފީޒު ކުރުން ކޮންމެހެން ބޭނުންތެރި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އިއްޔެ އާންމު ކުރި "ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް، ދަ ލޭޓެސްޓް މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓު" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިގްތިސޯދުގެ މުހިއްމު ގިނަ ސިނާއަތްތަކެއްގެ ކުރިއެރުން ކުރިން ލަފާކުރި ވަރަށް ވުރެ ދުވެލި މަޑެވެ.

ބޭރުގެ ދަރަނީގެ ހާލަތު އޮތް ގޮތުން އިގްތިސޯދަށް ގިނަ ގޮންޖެހުންތައް ހުރިކަން ވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.

އިއްޔެގެ ރިޕޯޓާ ގުޅުވައި ވޯލްޑް ބޭންކުން އާންމުކުރި ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެޅުން އަވަސް ނުކޮށްފި ނަމަ އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ އިގްތިސާދަށް އެކްސްޓާނަލް އަދި ފިސްކަލް ގޮންޖެހުންތައް އެބަހުރި ކަމަށާއި ފިސްކަލް ރިފޯމްތަކަށް އަމަލު ނުކޮށްފި ނަމަ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ.

"ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް"ގެ ނަމުގައި ވޯލްޑް ބޭންކުން މިއަދު އާންމުކުރި އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައިވާ ގޮތުން ޓޫރިޒަމާއި އެހެނިހެން ބޮޑެތި ބައެއް ސިނާއަތުގެ އާމްދަނީ އަށް ވަނީ ހީނަރުކަން އައިސްފަ އެވެ. ޓޫރިސްޓުން އައުން އިތުރުވި ނަމަވެސް، ޓޫރިސްޓުން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ދަށަށް ދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ ނިސްބަތަށް ވެސް އަންނަނީ ކުރަމުންނެވެ.

ވޯލްޑް ބޭންކުން އަންދާޒާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދަރަނި މަތިވުމަކީ މިވަގުތު ވެސް އޮތް ނުރައްކަލެވެ. ނަމަވެސް މި ނުރައްކާ ބޮޑުވުމުގެ ފުރުސަތު އޮތީ ސަރުކާރުން އަޅަން ވައުދުވީ ފިޔަވަޅުތައް ނާޅައިފި ނަމަ އެވެ. އަދި ރާއްޖޭގެ ބޭރުގެ ދަރަނި މަތިވެފައިވުމަކީ ކަންބޮޑުވުން ހުރި ކަމެވެ. މިކަމުގެ ސަބަބުން ދަރަނި ދެއްކުމަށް ކުރަން ޖެހޭ ހަރަދު މަތިވެ އެކަމުގެ ސަބަބުން ރިޒާވަށް އަންނަ ލޮޅުންތައް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރެ އެވެ.

ދަރަނި މަތިވެފައިވުމާއެކު ވޯލްޑް ބޭންކުން އަންދާޒާ ކުރަނީ ރާއްޖޭން މި އަހަރާއި އަންނަ އަހަރު ދަރަނި އަދާކުރަން 512 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހުމެވެ. އަދި 2026 ވަނަ އަހަރު އެއްފަހަރާ ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަންނެއް އޮތުމަކީ މީގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަ ކުރެ އެވެ. 

ސަރުކާރުން އިގުތިސޯދީ އެޖެންޑާއަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. އެއީ, ސަބްސިޑީތައް ރިފޯމް ކުރުމާއި, ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި, އާސަންދައިގައި ހުރި ބާގަނޑުތައް ބެއްދުމާއި, ކެޕިޓަލް ހަރަދުތައް އަލުން ތަރުތީބުކުރުން ހިމެނޭ އެޖެންޑާ އެކެވެ.

އެގޮތުން, ވޯލްޑް ބޭންކުން ސަބްސިޑީ ޓާގެޓު ކުރުމަށް ބޭނުން ނިޒާމު ގާއިމު ކުރުމަށާއި މިހާރު އޮތް ސަބްސިޑީގެ ނިޒާމު ފޭސްއައުޓްކޮށް ބޭނުން ކުރުން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

"ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓާ ފާރިސް ހަދާދު-ޒެރްވޯސް ވިދާޅުވި އެވެ.

"މި އިސްލާހީ މަސައްކަތްތަކުގައި ވޯލްޑް ބޭންކުން އަބަދުވެސް ރާއްޖެ އަށް އެއްބާރުލުން ދޭނެ. އޭގެ ތެރޭގައި ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓާގެޓެޑް ސަބްސިޑީއެއް ދީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ހައްލުކޮށް، އިންވެސްޓްމަންޓްތަކުގެ ސްޓްރެޓެޖިކް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ."

ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން ސަލާމަތްވުމަށް ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެދިފައިވެ އެވެ. އަދި އިގްތިސާދުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއިން ވަޒީފާތައް އުފެއްދުމަށް ބާރު އެޅުމަށް ވެސް ވަނީ އެދިފަ އެވެ.

ވޯލްޑް ބޭންކުން ލަފާކުރަނީ ރާއްޖޭގެ އިގުތިސޯދު މިއަހަރު 4.7 ޕަސެންޓުން ކުރިއަރާނެ ކަމަށެވެ. އައިއެމްއެފް އިން ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 3.3 ޕަސެންޓު ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.

މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފައިވާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު