ޚަބަރު
ބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓުމަށް އިސްލާހެއް
ރާއްޖެ އަށް ޓޫރިސްޓުން ފޮނުވައިދޭ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލަން ޖީއެސްޓީގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ.

މި ބިލުގެ މައިގަނޑު މަގުސަދުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭ ގޮތުން ފޯރުވައިދޭ އޭޖެންސީ ނުވަތަ ބުކިން ހިދުމަތަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގަމުން އައި ޖީއެސްޓީ ނެގުން ހުއްޓުމަކަށް ގެނައުމެވެ.

މީގެ އިތުރުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ވަނީ ހިމަނާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމުން އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ އަންދާޒާކުރި ނަމަވެސް އެ ޓެކްސް ނެގުން ހުއްޓުމަކަށް ގެނައުމަށް ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހާއެކު އެ އާމްދަނީ ގެއްލިގެންދާނެކަން ވަނީ ފާހަގަކޮށްފަ އެވެ.

ދާދި ފަހުން ފާސްކޮށް މި މަހުގެ 1 އިން ފެށިގެން އެ ގާނޫނަށް އަމަލު ކުރަން ފެށި އިރު، ޓޫރިޒަމް ދާއިރާ އިން ބޮޑެތި ކަންބޮޑުވުންތައް ވެސް ފާޅުކޮށްފަ އެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފެށުމާ ދިމާކޮށް ބޭރުގެ ބައެެއް ޓުއާ އޮޕަރޭޓަރުން ރާއްޖެ ވިއްކުން ހުއްޓާ ވެސް ލާފައިވެ އެވެ.

އެހެންވެ އެ ޓެކްސް ނެގުން ހުއްޓާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ސަރުކާރުން ހާމަކުރީ މި މަހުގެ 3 ގަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު