ޚަބަރު
ސަރުކާރުން އިތުރު ސައްލާއެއް ފަށަނީ!
ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން "ޖަޒީރާ ސައްލާ" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

ޖަޒީރާ ސައްލާ އަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަދި ޝުއޫރުތައް ހިއްސާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ޖަޒީރާ ސައްލާގެ ބޭނުމަކީ ރައްޔިތުންގެ އަޑު އެހުން ކަމަށެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ހިޔާލާ މަޝްވަރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ ޑިޖިޓަލްކޮށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންގެ ސުވާލުތަކަށް ފަސޭހަ ކަމާއެކު ޖަވާބު ލިބިގެން ދާނެ ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުތަކަށް ނުވަތަ ސުވާލުތަކަށް ޖަވާބު ދެއްވާނީ ސީދާ ދާއިރާއާ ގުޅޭ ބޭފުޅުން. މިސާލަކަށް މިނިސްޓްރީއަކާ ގުޅޭ ކަމެއް ނަމަ އެ މިނިސްޓްރީއެއްގެ ވަޒީރު ޖަވާބު ދެއްވާނީ. އަޅުގަނޑުމެން މި ބަލަނީ ފޯނު މެދުވެރިކޮށްވެސް ސުވާލުތައް ނެގޭނެ އިންތިޒާމު ހަމަ ޖައްސަން." މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، "ޖަޒިރާ ސައްލާ"ގެ ބޭނުމަކީ ހުރިހާ ހިޔާލުތައް އަޑުއެހުންކަމަށެވެ.

"މީގެ އިންޓެންޝަނަކީ ސަރުކާރު ދިފާއު ކުރުމެއް ނޫން. ހުރިހާ ހިޔާލުތައް އަޑުއެހުން ބޭނުމަކީ. ހިތްހަމަ ނުޖެހޭ ކަންކަން ހުއްޓަސް އެ ވާހަކަތައް އަޑުއަހާ ހައްލު ހޯދޭނެ ގޮތެއް ހޯދުން." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، "ޖަޒީރާ ސައްލާ"ގެ ސެޝަންތައް ކުރިއަށް ގެންދާއިރު ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކޮށް، ކަނޑައެޅޭ ހޭޝްޓެގެއް ބޭނުންކޮށް ހިޔާލުހޯދުމާއި ކަންބޮޑުވުންތައް ހުށަހެޅޭނެ ކަމަށެވެ.

މީގެ ކުރިން ވެސް "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފެށި އެވެ. ނަމަވެސް ފަހުން އެކަން ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. 

ވައުދެއްގެ ގޮތުގައި ކުރިޔަށް ގެންދަން ނިންމި "ޖަޒީރާ ހޮޅުއަށި" ދޫކޮށްލުމަށްފަހު އަނެއްކާވެސް އެފަދަ އެހެން ޕްރޮގްރާމެއް "ޖަޒީރާ ސައްލާ" ގެ ނަމުގައި ފެށުމުން އިދިކޮޅު ދެ ޕާޓީ އާއި ވަރަށް ގިނަ އާންމުން ގެންދަނީ ފާޑު ކިޔަމުންނެވެ. 

މަބްރޫކް ވިދާޅުވީ "ޖަޒީރާ ސައްލާ" ފަށާނެ ވަކި ތާރީހެއް ކަނޑަނޭޅޭ ކަމަށެވެ. ދުވަސްތައް ކަނޑައަޅައި ކަން ކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު