ޚަބަރު
ޝާހިދު ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަކީ ޕާޓީއަށް ލިބޭ ޝަރަފެއް: އެމްޑީޕީ
ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކަކީ އެމްޑީޕީއަށް ލިބޭ ޝަރަފެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޝާހިދަށް ދައުލަތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން އެ މުޙިއްމު ދައުރު ޤާބިލުކަމާއެކު އަދާކުރައްވަމުން ގެންދިޔުމަކީ އެ ޕާރޓީއަށް ވެސް ލިބުނު ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ.

"މި ޕާރޓީން އެ މަނިކުފާނަށް ކާމިޔާބަށް އެދޭހިނދު ހެޔޮދުޢާ އަރިސްކުރަމެވެ" އެ ބަޔާނުގައި ވެއެވެ.

ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ރައީސް އަރުވާފައިވަނީ ޤަޢުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރެއްވުމަށާއި ޚާއްޞަ އިނާމާއި ޝަރަފު އެރުއްވުމަށް ރޭގައި ބޭއްވެވި ޚާއްޞާ ޖަލްސާގައިއެވެ.

"ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދަށް ދައުލަތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އ..ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން އެ މުހިންމު ދައުރު ގާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ މި ޕާޓީއަށް ވެސް ލިބުނު ނުހަނު ބޮޑު ޝަރަފެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ސޯލިހު، ޝާހިދަށް އެ މަގާމު އަރުވާފައިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުތަކުގެ ހަރުދަނާކަމުގެ ސަބަބުންނެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު އިއްޒުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ.

ނިޝާނުގެ އިއްޒަތަކީ ގައުމީ ހިދުމަތް ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން (ދޮން ބަންޑާރައިން)ނަށެވެ.

ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ ކުރިމަތިލެއްވީ މައިގަނޑު ފަސް ކަމެއް ހިމެނޭ އެޖެންޑާއަކާއެކުގައެވެ. އެ ފަސް ކަމަކީ:

  • ކޮވިޑް19 އިން އަރައިގަތުން
  • ކޮވިޑަށް ފަހު ދެމެެހެއްޓެނިވި ގޮތުގައި ދުނިޔެ ބިނާކުރުން
  • ދުނިޔޭގެ ގުދުރަތީ މާހައުލުތަކަށް އިޖާބަ ދިނުން
  • އެންމެންގެ ހައްގުތަކަށް ކަމޭހިތުން
  • އދ.ގެ ހިންގުން ވަރުގަދަކުރުން
މިއީ ރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން އަދާކުރާ ސާކްގެ ހަވަނަ ގައުމެވެ.

ސާކްގެ ގައުމުތަކުގެ ތެރެއިން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން މިހާރު އަދާނުކޮށް އޮތީ ނޭޕާލް އަދި ބޫޓާނެވެ.

ޝާހިދު ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. އެ ހިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އަބްދުﷲ ޝާހިދު، މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން، އެ މަގާމުގައި ދެމިހުންނެވިއެވެ.

އަބްދުﷲ ޝާހިދުގެ ހާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ގައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ އާއި ޗައިނާ އާއި ޖަޕާން އާއި ސައުދީއަރަބިޔާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު