ޚަބަރު
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ޒާލިފް
ސިވިލް ކޯޓު ފަނޑިޔާރުކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ނިންމީ ފަނޑިޔާރުން އައްޔަންކުރުމުގައި ޖޭއެސްސީއަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށްފަހު އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

އާދަމް ޒާލިފްއަކީ ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ އާއި މާސްޓާ އޮފް ޝަރީއާ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު ޒާލިފް އަދާކުރެއްވި އެވެ.

ޒާލިފް ގާޒީ ކަމަށް އައްޔަންކުރަން ނިންމިއިރު އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިން ޕާޓްނަރުގެ މަގާމު އައީ އަދާ ކުރައްވަމުންނެވެ.

ސިވިލް ކޯޓަށް ފަނޑިޔާރަކު އައްޔަންކޮށްފައި ވަނީ އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ނިމާލް އަވަހާރަވުމާ އެކު އެ މަގާމު ހުސްވެފައި ވާތީ އެވެ.

ނިމާލް އަވަހާރަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގައި މެޔަށް ތަދެއް އަރައިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ނިމާލް އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ގާޒީ ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގަ އެވެ.

ސިވިލް ކޯޓަށް ފަނޑިޔާރެއް އައްޔަންކުރެއްވުމުގެ އިތުރުން އެކޮމިޝަނުން ވަނީ 6 މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުންވެސް އައްޔަން ކުރައްވަން ނިންމަވާފައެވެ. އެއީ ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓާއި، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓާއި، ނ.މާފަރު މެޖިސްޓްރޭޓް ކޯޓާއި، ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓާއި ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓާއި ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓަށެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު