ޚަބަރު
ކުޑަކުއްޖަކާ ގުޅުން ހިންގުމުގެ ދައުވާއެއް އޮއްވައި ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ކުޑަކުއްޖަކާ ބެހުނު ކަމަށް ދައުވާ އުފުލާފައިވާ ވަކީލު ޝާން:
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު އަހުމަދު ޝާނަށް މި ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.


ޝާނަށް މި މަގާމު ދިންއިރު އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއެއްގެ އަޑުއެހުންތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެ އެވެ. އެއީ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ދައުވާއެކެވެ. 

ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓާ ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އެންމެ ފުރަތަމަ ބޭރުކޮށްލައިފަ އެވެ.

ނަމަވެސް، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މައްސަލަ ބެލުމަށެވެ. 

އެ މައްސަލައިގެ ޝަރީއަތް މިހާތަނަށް ނިމި، ހުކުމެއް ކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި އަހުމަދު ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު