ޚަބަރު
ކުރިއަށް އޮތީ ދަތި 3 މަސް: ރައީސް
ކުރިއަށް އޮތް 3 މަހަކީ އިގުތިޞާދީ ގޮތުން ދަތި ދުވަސްތަކެއް ނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ތ. ގުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސޯދީ ހާލަތު އޮތީ މީގެ ކުރިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައި ކަމަށާއި "ވާރުތަވީ މުޅިން ހަލާކު ކޮށްލައި ދަރަނިވެފައިވާ" އިގްތިސޯދެއް ކަމަށެވެ.

އެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު ވެސް އޮތީ އެހާ ދަށުގައި ކަމަށާއި ކުންފުނިތައް ވެސް ދަރަނިވެ، ސަލާމަތުން އޮތީ ދެ ތިން ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ހާލަތު މިހާ ބޮޑަށް ބޮއްސުން ލައިގެން ދިޔައީ މިސްމެނޭޖުމަންޓުގެ ސަބަބުން ކަމަށާއި އެ ކަންކަން ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ.

އެއީ ހަގީގަތް ނޫން ކަމަށް ގަބޫލުކޮށްގެން ކުރިއަށް ގޮސްގެން ލިބޭނެ މޮޅެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މިއޮތް ދެ މަހެއްހާ ދުވަސް، ދެތިން މަސް ދުވަސް އެންމެ އުނދަގުލީ ކަން ދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީގެ ކަންކަން ވަރުގަދަ ކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި އެންމެ ހައްސާސް ވަގުތު މިއީ،" ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ރައީސް މިއަދު ވިދާޅުވި އެވެ.

"ޔަގީންކަން މި ދެނީ މި ހުރިހާ މަސައްކަތެއް ވެސް ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ވެސް އެއީ އަޅުގަނޑު ކަނޑައަޅާފައި ކަންކަން ކުރިއަށް ގެންގޮސްދޭނަމޭ. ކުރެވޭނެ ކަންކަން ކުރާނެ ކަންކަން ދަންނަވާފައި އެކަންކަން ކުރާނަން. ތަންކޮޅެއް ގިނަ ދުވަސް ނަގާ ކަންކަން ވެސް ހަމަ ތެދުވެރިކަމާ އެކު ކޮށްދެވޭނެ ވާހަކަ ދަންނަވާފައި އެގޮތަށް އަޅުގަނޑުމެން ކުރާނީ," 

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އަތޮޅު ތެރޭ ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރި ކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ. ރަށްރަށުގެ ޕްރޮޖެކްޓުތައް ހުއްޓިފައިވީ ނަމަވެސް މާލެ ސަރަހައްދުގައި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ޕްރޮޖެކްޓުތަކެއް ވަނީ ފަށާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބިން ހިއްކުމުގެ ޕްރޮޖެކްޓާއި އަދި އެ ނޫނަށް އިގުތިސޯދީ ނަފާ އިތުރުވާނެ ގިނަ ޕްރޮޖެކްޓުތަކެއް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިއުލާނު ކުރެއްވި އެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ދެ މަސް ދުވަހުގައި ރާއްޖޭގެ ރަށަކަށް ވަޑައިނުގެން މަސައްކަތް ކުރެއްވީ ބޭރުގެ އެކިއެކި ގައުމުތަކާއި ޖަމިއްޔާތަކާއި އިދާރާތަކާއި މަޝްވަރާކޮށްގެން ހައްލު ހޯދުމަށެވެ. އެގޮތުން ތުރުކީ އާއި ޗައިނާގެ ވެރިންގެ ފަރާތުން ވަރަށް އީޖާބީ ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަހުގެ ތެރޭގައި ވެސް އެމަނިކުފާނު ރާއްޖެ އިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ވަޑައިގަންނަވާ ގައުމެއް ހާމަނުކުރެއްވި ކަމުގައި ވިޔަސް، އެނގިފައިވާ ގޮތުގައި އެމަނިކުފާނު މި މަހުގެ މެދުތެރޭގައި ވަޑައިގަންނަވަނީ ދުބާއީއަށެވެ. ރައީސް ވިދާޅުވީ އެނބުރި ރާއްޖެ ވަޑައިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ގާތަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު