ޚަބަރު
ބާރަށުގައި ބޮޑުތަކުރުފާނަށް ނިސްބަތްވާ ކާނި ގަހުގައި ރޯކޮށްލައިފި
ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން އޭގެ ރިޔާ ފެއްސެވުމަށް ޖެއްސެވި ކަޑައިން ހއ. ބާރަށުގައި ހެދި ބޮޑުވި ކަމަށް ބުނާ، 400 އަށް ވުރެ ގިނަ އަހަރުވީ ކާނި ގަސް ރޭގެ ވަގުތެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.

ބާރަށުގައި 400އަށް ވުރެ ގިނަ އަހަރުވީ ކާނިގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ.

ތާރީހީ ކާނި ގަހުގައި ރޯކޮށްލިި މައްސަލަ އާންމުން އަދި ސަރުކާރުގެ އިސް ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އެގޮތުން، އެ ކަންތައް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް މިނިސްޓްރީ އޮފް ސިޓީސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ގޮވާލައްވައިފަ އެވެ.

"މިއީ ވަރަށް ހިތާމަހުރި، އަޅުގަނޑު ކަންބޮޑުވާ ކަމެއް. ރާއްޖޭގައި ހުރި ތާރީހީ އަދި އާސާރީ މިފަދަ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

އެ ގަހުގައި ރޯކޮށްލާފައިވާ މަންޒަރުގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، ގަސް އެއްކޮށް އަނދާފައިވާ ތަން ފޮޓޯތަކުން ފެނެ އެވެ.

ގަހުގައި ރޯކޮށްލި ސަބަބު މިހާތަނަށް ޔަގީންނުވި ނަމަވެސް އަޑުއަރާފައި ވަނީ އެ ކާނިގަހުގައި ރޯކޮށްލީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.

ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު