ޚަބަރު
ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލައްވައިފި
އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތައުލީމާއި، މުއާމަލާތުގެ ހުރިހައި ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ. 

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ހިތާބުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ދިވެހި ބަހުގެ އިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ބަޔާން ކުރައްވާފައިވެ އެވެ.

މި ސަރުކާރުން ފަށައިފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް ރައީސްގެ ހިތާބުގައި އަލިއަޅުއްވައިލައްވާފައިވެ އެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިހު އަލްމަރްހޫމު ހުސައިން ޞަލާހުއްދީނަށްކަން ބަޔާން ކުރައްވައި ރައީސް ވަނީ، ފަޟީލަތުއްޝައިހު އަލްމަރްހޫމު ހުސައިން ޞަލާޙުއްދީނުގެ ހާޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. 

އެގޮތުން ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ އިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު