ޚަބަރު
ރައީސްގެ ވިދާޅުވުމެއް ؛ ޒުހޫރުގެ ސިޓީ ނުލިބޭ
އެޗްޑީސީގައި ހުރި މައްސަލަތައް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުއްވި ކަމަށް ބުނާ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީއާ ގުޅިގެން ފެންމަތިވެގެން އުޅޭ މައްސަލަތަކާ ގުޅިގެން ރައީސް އޮފީސް ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހޫރު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެ ސިޓީ އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

"އާދެ، އަޅުގަނޑު ވެސް ތި ވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު އެއަށް އަމަލުކުރާނަން ނުވަތަ އެއަށް ބަލާނަން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިނގާ ކަންކަމާ ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދުގެ މަތީގައި ދެމިހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ އެއްވެސް ތަނެއްގައި އަޅުގަނޑު ބޭނުމެއް ނޫން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގާކަށް. އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަންކުރާކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅައި ދޫކޮށް ނުލިޔަސް މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާނެ އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރާ ނަމަ، ފިޔަވަޅު އަަޅާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

ޒުހޫރު ރައީސް އަށް ފޮނުއްވި ސިޓީގެ ކޮޕީއެއް "ހޯރަ"އަށް ވެސް ލިބިފައިވާއިރު، އޭގެ ސައްހަކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި މި ސިޓީ ރައީސް އޮފީހުން ބަލައިގެންފައިވާ ކަން ވެސް ވަނީ  ކަށަވަރުކުރެވިފަ އެވެ.  

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރޭ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލްއަށް ބިމެއް ދިންކަމުގެ މައްސަލަ ފުރަތަމަ ތިލަވީ "ހަސަން ކުރުސީ"ގެ ނަމުގައި "އެކްސް"ގައި ހިންގާ އެކައުންޓަކުން އެއާ ބެހޭ ލިއުންތަކެއް މިިދިޔަ ބުދަ ދުވަހު އާންމުކުރުމާ އެކުގަ އެވެ.   

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު