ޚަބަރު
މަގާމުތަކަށް މީހުން އައްޔަންކުރަނީ ވައްކަން ކުރާކަށް ނޫން: ރައީސް
ސަރުކާރުގެ މަތީ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ކޮރަޕްޝަން ހިންގައި ވައްކަން ކުރަން ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ބޭރުގައި މެންދުރުފަހު ބައެއް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮރަޕްޝަން ހިންގައި، ގަވާއިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގައި މިދިޔަ ދުވަސްތަކުގައި ވެސް ހުންނާނީ އެކި ކަންތަކުގައި، އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން އެކަމަށް ފިޔަވަޅު އަޅައި، ކަމާބެހޭ ފަރާތްތަކަށް އަންގާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިނގާ ކަންކަމާ ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދުގެ މަތީގައި ދެމިހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުތަކުން އެފަދައިން އަމަލު ނުކުރީ ކީއްވެގެން ކަން ނޭންގޭ ކަމަށާއި ނަމަވެސް، މި ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ކުދޭނެކަން ރައީސް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

"މިނިސްޓްރީއެއްގައި ވިޔަސް ކުންފުންޏެއްގައި ވިޔަސް މުއައްސަސާއެއްގެ ތެރޭގައި ވިޔަސް، ދައުލަތުގެ މުއައްސަސާއެއްގައި ވެސް އެކަހަލަ ކަމެއް ހިނގަންޔާ އަޅުގަނޑު ހަމަ އެދެން އޭސީސީއާ ދެން ހުރި ތަންތަނުން ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލަތަކުގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. ނުހައްގުން ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ވެސް ހިމެނެވެ.

މި މައްސަލަތަކުގެ ތަހުގީގަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވި، އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު