ޚަބަރު
ނުގަވާއިދުން ޕާކު ކުރުމުން ޖޫރިމަނާ ކުރަން އަލުން ފަށަނީ
ގަވާއިދާއި ހިލާފަށް ޕާކް ކުރާ މައްސަލަ ވަރަށް ބޮޑުވެ، ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކްކުރުން އިތުރުވެ އާންމުންނަށް ބޮޑު ތަކުލީފަކަށް އެކަންވީ ޕާކިން ޖާގަ ހެދެންދެން ވެހިކަލްތަކުގައި ސްޓިކާ ޖެހުން މަޑުޖައްސާލާ މިދިޔަ ޖެނުއަރީ އަށްވަނަ ދުވަހު ފުލުހުން އެކަން އާންމު އިއުލާންކުރުމުންނެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުން ޕާކް ކުރުމަށް ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި ނޫނީ އެއްގަމު އުޅަނދު ޕާކް ކޮށްފިނަމަ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް މަގުމަތި ހެދުމަށް މި ހިދުމަތުގެ ފަރާތުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

"ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު 2024 މާޗު ހަތްވަނަ ދުވަހުގެ ފަހުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވަނީ "މި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ" ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު