ޚަބަރު
ހިންނަވަރު ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ނުވެ ޒަމާންތަކެއް ވެއްޖެ: މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހިންނަވަރަކީ އާބާދީ ބޮޑު ރަށަކަށްވީ ނަމަވެސް އަދި އެރަށުގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ނުވެ ޒަމާންތަކެއް ވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.  

ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ދެ ވަނަ މަންޒިލެއްގެ ގޮތުން ހިންނަވަރަށް ވަޑައިގެން އެ ރަށުގައި ރައީސް މުއިއްޒު ވިދާޅުވީ، ހިންނަވަރުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ތަރައްގީގެ އުންމީދުތައް މިހާތަނަށް އައިރު ވެސް ފެންނަން އޮތީ ނުނިމި އުންމީދުގެ ތެރޭގައި އޮންނަ ތަން ކަމަށެވެ.

އެހެން އެކަން ދިމާވި ސަބަބަކީ ހިންނަވަރަކީ ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި، "ފުލް ކޮންޓްރޯލް" އޮތް ކަމަށް ދައްކައިގެން އުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަން އެ ގޮތަށް އޮތް އިރު ރަށަށް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި އެ މަނިކުފާނަކީ އެގޮތަށް ކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށާއި ހިންނަވަރު ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދީ އެރަށަށް ފުރިހަމަ ހައްގު މިސަރުކާރުގައި ހޯދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. 

ހިންނަވަރުގައި ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވި އެ މަޝްރޫއު މަޑު ޖެހިފައިވަނީ މިދިޔަ ސަރުކާރުން، އެ މަޝްރޫއާ ގުޅުން ހުރި ބިލުތަކަށް ފައިސާ ނުދައްކައި ހުރުމުން ކަމަށެވެ. އެ މައްސަލަ އެހެން ރަށްރަށުގެ މަޝްރޫއުތަކަށް ވެސް ދިމާވެފައިވާ ކަމަށާއި މިދިޔަ ސަރުކާރުން ނުދައްކާ ހުރި ބިލުގެ ފައިސާގެ އަދަދު 9000 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ފައިސާ ދައްކަމުން މިހާރު އަންނަ ކަމަށާއި، ފައިސާ ދެއްކޭ ވަރަކުން މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށްގެންދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހިންނަވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅުންހުރި ބިލުތައް ވެސް ހައުސިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކައިގެން ހަމަޖައްސަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބިލުތައް ދެއްކުމުން ވަރަށް އަވަހަށް އަލުން މަޝްރޫއު ފަށައި، މި ސަރުކާރުން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުވެސް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައުމީ ލެވެލްއެއްގައި މި ހިންގަން އުޅޭ ހުރިހާ މަސައްކަތްތަކެއްގެ އެންމެ އިސްކަން ލިބޭ ރަށެއްގެ ގޮތުގައި، ހަމަ އާބާދީގެ ގޮތުން ވެސް ތަރައްގީގެ ގޮތުން ހުރިހާ ގޮތަކުން އިސްކަންދޭ ރަށެއްގެ ގޮތުގައި މި ރަށް ހިމެނޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ކުޑަ ރަށެއް ބޮޑު ރަށެއް އަދި ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދީ ދަތިކަމުގެ ތެރޭގައި މިސަރުކާރަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ސޯލިހްގެ ސަރުކާރުން އެކި ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދައްކާ ހުރުން ކަމަށެވެ. އެގޮތުން އެކި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ މިސަރުކާރުން މިހާރު ދައްކަމުންދާ ކަމަށާއި ފައިސާ ދައްކާ މިންވަރުން ރަށްރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް މަޑުމަޑުން ހިނގަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު