ޚަބަރު
މި ރޯދަމަސް ފެށިގެންދާއިރުވެސް އިސްތިއުނާފު ހިފެހެއްޓި؛ ޔާމީނު ބަންދުގައި!
ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ ހުކުމް "ހިފެހެއްޓި" މި ރޯދަމަސް ފެށިގެންދާއިރުވެސް އެމަނިކުފާނު މިނިވަން ނުވުމުން ސޯލިހު އާއި މުއިއްޒުގެ ތަފާތެއް މިކަމުގައި ނެތްކަން ހާމަވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ޖަމީލު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރުގެ ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ އިސްތިއުނާފު ހިފެހެއްޓިފައިވާ ކަމަށާއި، ރޯދަ މަސް ފެށިގެންދާއިރުވެސް ޔާމީން ހުންނެވީ ބަންދުގައި ކަމަށެވެ. އަދި ވިދާޅުވީ މިހާބޮޑު ބޭއިންސާފަކަށް އަރައިގަނެގެން ތިބެ ހެޔޮ ނަސޭހަތް ދޭން އުޅުން ދެކޮޅުނުޖެހޭ ކަމަށެވެ.

މީގެއިތުރުން ޖަމީލް ވިދާޅުވީ، މިކަމުގައި ކުރީގެ ރައީސް ސޯލިހުއާއި ރައީސް މުއިއްޒުގެ ތަފާތެއް ނެތްކަމަށެވެ.


ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނިމި، ހުކުމަކާ ހަމަޔަށް ގޮސް މަޑުޖެހިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް، އެ މައްސަލައިގެ ހުކުމް އިއްވާނެ ތާރީހެއް އަދިވެސް އެ ކޯޓުން ނާންގާ ކަމަށާއި ހުކުމް ކުރުން ލަސްވާ ސަބަބު ވެސް ކޯޓުން ސާފުކޮށް ނުދޭ ކަމަށް ބުނެ ޔާމީންގެ ފަރާތުން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވީ ވެސް އިސްތިއުނާފް މަރުހަލާގައި މިހާރު އޮތް 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅެވެ.

އެކަމުގެ ތެރެއިން ޕީޕީއެމްގެ އިސް ލީޑާޝިޕު ބޭފުޅުންނާއި އެމަނިކުފާނާ ދެމެދު އުފެދުނު ހިތްހަމަ ނުޖެހުންތަކުގެ ސަބަބުން އެންމެ ފަހުން އެ ޕާޓީން އިސްތިއުފާ ދެއްވަން ވެސް ޖެހިވަޑައިގަތެވެ. އަދި، އެ މަނިކުފާނު އިސްވެ ހުންނަވާ މިހާރު އުފައްދަވަން އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރުން ހުއްޓިފައި އޮތީ ވެސް އެ ޖަލު ހުކުމުގައި ހުންނެވުމުގެ ސަބަބުންނެވެ.

ޔާމީންގެ ތާއީދާ އެކު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވި ނަަމަވެސް، މި ސަރުކާރުން ވެސް އެ މަނިކުފާނަށް އިންސާފު ލިބުމަށް ހުރަސް އަޅާ ކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ފާޅުކޮށްފަ އެެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް، އެމަނިކުފާނުގެ ތާއީދުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 48 ބޭފުޅަކު ވާދަކުރައްވަ އެވެ.

  • އަޅުގަނޑު މިނިވަން ކުރަން ރައީސް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދެއް ނުކުރަން: ޔާމީން


އެމަނިކުފާނު މިނިވަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިފަހުން ވަނީ ވިދާޅުފަ އެވެ.

ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި މާރިޗު 3 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވަނީ ފާއިތުވި ދެ މަސް ތެރޭގައި އެމަނިކުފާނު މިނިވަން ނުކުރީ ކީއްވެތޯ އަމިއްލައަށް ސުވާލު ކުރައްވައިފަ އެވެ.

ޔާމީން ޕޯޑިއަމް އަށް އަރާވަޑައިގެން ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެމަނިކުފާނުގެ ސަޕޯޓަރުން ޕޯޑިއަމްގައި ދައްކާ ވާހަކައާ ގުޅުވައިގެން ސަޕޯޓަރުންގެ ވާހަކައާ ގުޅުވާ ކޮމެންޓު ދެއްވާ އުސޫލުން ކުރިއަށް ގެންދަވާ ސިލްސިލާ އެ ބައްދަލުވުންތަކުގައި، ސިޔާސީ މަސްރަހާ ގުޅޭގޮތުން ޔާމީން ގިނަ ވާހަކަތައް ދެއްކެވި އެވެ.

ޔާމީން ވަނީ އެމަނިކުފާނު މިނިވަން ކުރުމާ ގުޅޭ ވާހަކަތައް މާ ބޮޑަށް ނުދެއްކުމަށް ސަޕޯޓަރުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.

"ދެން އަޅުގަނޑު މި އުޅޭ ގޮތަކަށް އުޅޭނަން. އަޅުގަނޑު އިސްތިއުނާފުގެ މަރުހަލާތަކުން ސަލާމަތްވާނެ ﷲގެ ރަހުމަތާ އެކީގައި. އަޅުގަނޑު މައުސޫމު ވީމާ." ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯޓުގައި އޮތް މައްސަލަ ދިގު ދެންމިދާނެ ކަމަށެވެ. ނަމަވެސް ގާނޫނީ ފަރުވާލިބި އެމަނިކުފާނު މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަމަވެސް މީހެއްގެ އިހުސާންތެރިކަމުން އެމަނިކުފާނު މިނިވަންވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާމީން ވިިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު