އެއާ ކޯ އިފްތިތާހު ކުރުމުން މައުމޫންގެ ތަހުނިޔާ ވިދާޅުވެއްޖެ
އިސްމާއިލް ރިޒާ
16 މާޗް 2024 - 16:26
0 comments
ޑްރޯންގެ އެހީގައި ރާއްޖެ ބެލެހެއްޓުމަށް ފެށުން ފޮޓޯ: ރައީސް އޮފީސް
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ތަޙުނިޔާ ދަންނަވައިފި އެވެ.މައުމޫން ވަނީ މި ތާރީހީ މުނާސަބަތު ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ސިފައިންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ. ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއާ ކޯ އިފުތިތާހުކޮށް، ޔޫއޭވީ ތައާރަފްކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެއާ ކޯ އިފުތިތާހުކޮށް، ޔޫއޭވީ ތައާރަފް ކުރީ އެއްގަމާއި، ކަނޑާއި، ވައިގެ މަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.ޑްރޯންގެ ހާއްސަ ސިފަތައް
- 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ
- 18،000 - 25،000 ފޫޓު މަތިން އުދުހެވޭނެ
- ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުވޭނެ
- ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭނެ
- ޑްރޯންގެ ބޮޑުމިން 21 ފޫޓު
- 70-120 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހެވޭނެ
- ނައިޓް ވިޝަން އިމޭޖާއި ވީޑިއޯ ވަގުތުން ފޮނުވޭނެ
ދިވެހި ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ރަސްމީކޮށް ވައިގެ ބާރެއް އުފައްދައި، އެ ބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ހަރުދަނާ އަދި މުހިއްމު ފިޔަވަޅެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.
މި ރަސްމިއްޔާތުގައި ޔޫއޭވީ ތައާރަފުކޮށްދެއްވުމަށްފަހު، އެމްއެންޑީއެފް އިން ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވި އެވެ. އެއަށްފަހު އެމްއެންޑީއެފްއަށް ޔޫއޭވީ އާއި "އެއާ ސަވެއިލަންސް"ގެ ގާބިލުކަން ހޯދައިދިނުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ގައުމީ ދިފާއީ ބާރުން ވަނީ އަރުވާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު