ޚަބަރު
އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ދޭންޖެހޭތޯ ރައީސް ސުވާލު އުފައްދަވައިފި
މިދިޔަ ފަސް އަހަރު ވެސް އެމްޑީޕީގެ މިސްރާބު ގޮސް ނިމިފައި ވަނީ އަޅުވެތި ކަމާއި ދަރަނިވެރި ކުރުވުމަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ މަޖިލީސް ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ތ.ވިލުފުށީ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލެގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިމުނު ސަރުކާރުގައި އެމްޑީޕީން ދޭން ބުނި ފްލެޓްތަކާއި ގޯތިތައް ދޭން ކަމަށް ބުނެ، އެ ޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަށް މެޖޯރިޓީ ދިނުމަށް އެދެމުންދާ އަޑު ވަރަށް ގަދައަށް އިވެމުންދާ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ އެބޭފުޅުން [އެމްޑީޕީ] އަތުގައި ނޫން ބާވައޭ މިހާރު ވެސް މެޖޯރިޓީ އޮތީ. އެ މެޖޯރިޓީ އަޅުގަނޑުމެން ވެރިކަން ފެށިގެން އައިއިރު ވެސް އޮތީ އެމްޑިޕީއަތުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިދިކޮޅުން މަޖިލިސްގެ ގޮނޑިއަށް ދަހިވެތިވެ ޕާޓީތެރޭގައި މިހާރު އެއްވެސް އިޚުލާސްތެރި ކަމެއް ނެތެވެ.

"މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމުގެ ދަހިވެތިކަމުގައި، އެއްވެސް އިހުލާސްތެރިކަމެއް ނެތި، ތެދުވެރިކަމެއް ނެތި ދައްކާ ވާހަކަތަކަށް ދިވެހި ރައްޔިތުން ހެއްލޭކަށް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ފްލެޓާއި ގޯތި ހަވާލު ކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށާއި ނަމަވެސް މިހާރު ވެސް މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށްވާއިރު އެ ޕާޓީގައި އިހުލާސްތެރިކަމެއް ހުރި ނަަމަ މިހާތަނަށް އައިއިރު އެކަން ނުކޮށް އޮތީ ކީއްވެގެންތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ކޮވިޑްގެ ތެރޭގައި ރައްޔިތުންނަށް ވީ ހިޔާނާތެވެ. ރައީސް ވިދާޅުވީ އެ ހަނދާން ރައްޔިތުން ނުނެތޭނެ ކަމަށެވެ. އެފަދަ ބައެއްގެ މިސްރާބު ރަނގަޅު ވާނެތޯ ސުވާލު ވެސް ކުރެއްވި އެވެ.

ރައީސް މިފަދަ އިން ފާޑު ވިދާޅުވިއިރު ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް އެމްޑީޕީން ގެންގުޅޭ ކެމްޕެއިން ސްލޯގަން އަކީ "މިސްރާބު ހަމަމަގަށް" މި ސްލޯގަން އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު