ޚަބަރު
އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް: ރައީސް
އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ދެއްކެން ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަށް އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، މާލޭގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ދެއްކެން ވެސް ނޯންނާނެ ކަމަށް ރައީސް ވަރަށް ޔަގީންކަމާ އެކުގައި ވިދާޅުވި އެވެ.

"ސަރުކާރުގެ މަސައްކަތް އެއްކޮށް ހުއްޓުމަށް ގެނެވޭހާ ބާރު އޮތްތަނެއް މަޖިލީހަކީ. ދުވާލަކު އެއް ފަހަރު ވަޒީރެއްގެ ނޯ ކޮންފިޑެންސް ނެގިޔަސް ސަރުކާރު ހިންގަން އުނދަގޫވާނެ ނޫންތޯ. ނޫނީ ރައީސްގެ ނޯ ކޮންފިޑެންސް ނެގުމަށް މަސައްކަތް ކުރިއަށް ހުރަސްތައް އަންނާނެ ނޫންތޯ. ދެކޮޅު ނުޖެހޭ އެތައް ގާނޫނުތަކެއް ސަރުކާރަށް ހުރަސް އެޅުމަށް ފާސްކޮށްގެން ވެސް ހުރަސް އެޅޭނެ ނޫންތޯ. ބަޖެޓް ފާސްނުކޮށްނުދިނަސް، ކޮންމެހެން ރައްޔިތުންގެ ބޭނުމަށް ނަގަންޖެހޭ ލޯނުތަކާ ލިބޭ ހިލޭ އެހީތަކުގެ ބޭނުންތައް ކުރުމަށް ވެސް އެތައް ހުރަހެއް އެޅޭނެ." ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް އެހީތެރިކަން ދިނުމަށް މަޖިލީހަކީ ޒަރޫރީ ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުމުގައި ތިބި ރައްޔިތުންނަށް އެހީތެރިކަން ދޭނެ މެންބަރުން ހޮވަން ކަމަށް ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީން ލިބޭނެ ކަމަށް މިރޭ ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭ، ސަރުކާރުގެ މެމްބަރުންތަކެއް މަޖިލީހުގައި ތިބެގެން ކަމަށެވެ. އަދި މި މަހު 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު މި ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު