ޚަބަރު
އަލީ ވަހީދާ ގުޅުވާ އޮތީ ތުހުމަތެއް، އެޅޭނެ ފިޔަވަޅެއް ނެތް: އެމްޑީޕީ
އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ކުރެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ވާހަކަ ދައްކައިފި އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ މަޖިލިސް އިންތިހާބު ކެމްޕެއިން ތަރުޖަމާނު، ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަލީ ވަޙީދަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށެވެ. އީސަ ވިދާޅުވީ އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަދި ނެތްކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެމްޑީޕީން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ކާށިދޫ ދާއިރާގެ ޓިކެޓު ލިބުނު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ޓިކެޓު އަތުލި މައްސަލާގައި އީސަ ވިދާޅުވީ އެ ދެ ހާލަތަކީ ވަރަށް ތަފާތު ދެ ހާލަތެއް ކަމަށެވެ. އީސަ ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް އޮތީ ހަމައެކަނި ތުހުމަތަކާއި އެއަށް ބާރު ދޭން އެވާހަކަތައް ދައްކާފައިވާ ބަޔާންތަކެއް އެކަނި ކަމަށެވެ. 

"އެ މައްސަލަތައް ތަހުގީގު ކުރައްވަން ތަހުގީގީ އިދާރާތަކަށް ހަވާލުކުރެއްވި. އަދި ތުހުމަތު ކުރެވުނު ހިނދު، ކެބިނެޓުން އެއްފަރާތްކޮށް ތަހުގީގަށް ޖާގަ ދިނުމަށްޓަކައި ސަރުކާރަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަ ކުރެއްވި،" އީސަ ވިދާޅުވި އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ތަރުޖަމާނު ހީނާ ވަލީދު ވަނީ އަލީ ވަހީދުގެ މައްސަލާގައި އެމްޑީޕީން އެކަން ދިފާއުކޮށް، ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެހެންވެ، އެކަމަށް ރައްދު ދެއްވައި އީސަ ވިދާޅުވީ އެ ޕާޓީން އެ ވާހަކަ ދެއްކުމުން "ލަދު" ގަންނަ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އީސަ ވިދާޅުވީ އެ މައްސަލާގައި ދެން ތުހުމަތު ކުރެވުނު ބޭފުޅާ މި ވަގުތު ވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިސް މަގާމެއްގައި ކަމަށް ވާތީ އެވެ.

އަލީ ވަހީދު، މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމެވުމާ އެކު، އޭނާއާ އަޅުވައި ދައްކަމުންދާ ޖިންސީ ފުރައްސާރައިގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ދާދި ފަހުން އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު މީހުން ދިން ކަމަށް ބުނާ ބަޔާންތަކެއް ލީކް ވުމާ ގުޅިގެންނެވެ. އެ ބަޔާންތަކުގައި އަލީ ވަހީދަށާއި އަދި ހައްސާނަށް ވެސް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އަދި ވިދާޅުވީ ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާ ކަމަށެވެ.

"އިރާދަފުޅުން ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާ އެކު،"

އަލީ ވަހީދު ވިދާޅުވީ "ތިކަން ތި ކުރަނީ ކާކު ކީއްވެކަން އެނގޭ" ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.

އަލީ ވަހީދަށް ދައުވާ ކުރި މައްސަލަ ޕީޖީއިން ވަނީ އަނބުރާ ގެނެސްފަ އެވެ. ދައުވާތައް އަނބުރާ ގެނެސްފައި ވަނީ އަނިޔާ ލިބުނު ފަރާތްތައް ޕީޖީ އޮފީހަށާއި ފުލުހުންނަށް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު