ޚަބަރު
ފަލަސްތީނަށް އިންސާފު ހޯދައި ދޭން ގޮވާލައިފި
އިސްލާމިކް ސަމިޓުގައި މިނިސްޓަރު ޑރ. ޝަހީމް -- ފޮޓޯ/ ރައީސް އޮފީސް
ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދީ އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދޭން ދިވެހި ރާއްޖެ އިން ގޮވާލައިފި އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށް ގެންދާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަލަސްތީނުގައި ކުރިއަށް ގެންދާ ގަތުލު އާންމު ދާއިމަށް ހުއްޓާލަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ޝަހީމްގެ ވާހަަކަފުޅުގައި، ދެމެހެއްޓެނިވި ސުލްހަ ގެނެސްދިނުމަށް، އދ.ގެ ސަލަމަތީ މަޖިލީހުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ކަންބޮވުން ފާޅުކުރެއްވި އެވެ.  

ޑރ. ޝަހީމް ވަނީ މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލަވެސް ފާހަގަކުރައްވާފަ އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ޝައުގުވެރިވާ ކަމުގައިވެސް ޝަހީމް ވިދާޅުވި އެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްހަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މައުލޫމާތު ފެތުރުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ އޯއައިސީ ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

އިއްޔެ ފެށި މި ސަމިޓް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.

މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސައުދި އަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފަ އެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއް ނިންމެވުން ހިމަނާފައިވެ އެވެ. މީގެތެރޭގައި ފަލަސްތީނާއި އަލްގުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ގަރާރަށް ގޮތެއް ނިންމުންވެސް ހިމެނެ އެވެ.

ދިވެހިރާއްޖެ އޯއައިސީގެ މެންބަރު ގައުމަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި 57 މެންބަރު ގައުމު ހިމެނޭ އޯއައިސީގައި ދިވެހިރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު