ޚަބަރު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
ހުޅުމާލެ އިން މާލެއަށް އަންނަން އެރި ޓެކްސީއެއްގެ ޑްރައިވަރު ހިތްހަމަނުޖެހިގެން ބަޔަކު މަގުމައްޗަށް ބޭލުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ ކާރުން ދަތުރު ނެގި ފަރާތް ވަނީ ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކޮށްފައެވެ.

ސޯޝަލް މީޑިއާގައި އެ މީހާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހުޅުމާލޭގައި އޭނާގެ ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމާފައި އަނބުރާ މާލެ އައުމަށް ޓެކްސީ ދަތުރެއް ނެގި ކަމަށެވެ. ޓެކްސީއަށް އެރުމުން އެތައް ބޭކާރު ވާހަކައެއް ޓެކްސީ ޑްރައިވަރު ދެއްކި ކަމަށާއި އަޚުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައްވެސް ދެއްކި ކަމަށް އެ މީހާ ބުންޏެވެ.

"އެގޮތަށް [އެ މީހުން ފައިބާ ހިސާބުން ދަތުރު ފެށުނު ކަމަށް ބަލައި އަގު ނަގަން] އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ. ނަމަވެސް އެކަމާ އެއްބަސްނުވެ އެއީ ތިމަންނަޔާ ދަތުރުނަގާ މީހާ ދެމެދު ގޮތް ނިންމާ ކަމެއްނޫންހޭ ކިޔާ ދެކޮޅުހަދާ ރުޅިގަދަ ކުރަންފެށި އެވެ،" ޓެކްސީގެ ނަމްބަރާ އެކު އޭނާ ކުރި ޕޯސްޓުގައިވެ އެވެ.

އޭނާ ބުނި ގޮތުގައި ހުޅުމާލެ ވަށާ ބުރު ޖެހިއިރު ވެސް ޓެކްސީއަށް އަރާނެ މީހަކު ނުވުމުން ޑްރައިވަރު އެ މީހުންނަށް އެންގީ އެ ޓެކްސީން ފޭބުމަށެވެ.

"އަހަރުމެން ދެމައިން ގޮވައިގެން މުޅި ހުޅުމާލެ ވަށާ ބުރުޖެހި އިރު ވެސް އެއަށް އަރާނެ އިތުރު ފަރާތެއް ނުވުމުން އިރުކޮޅަކުން އަންގައިފި، ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއް ނެތޭ. ހުޅުމާލެއިން އެ ޓެކްސީއަށް އެރިތަނަށް ބާލާފައި ހިނގައްޖެ،" ބޯވާރޭގެ ތެރެއަށް އެމީހުން ބާލަފައި ދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމީހާ އެކްސްގައި ކުރި ޕޯސްޓުގައިވެ އެވެ.

އޭނާ ބުނީ މުބާރާތް ނިންމާފައި އެ ވަރުބަލިކަންމަތީ އަވަހަށް ގެއަށް ދާން ބޭނުންވެފައިވާ ކުޑަ ކުއްޖަކު އިން ދަތުރެއް ނަމަވެސް އެކަމަށް ބެލުމެއް ނެތި ޑްރައިވަރުގެ ފަރާތުން ފެނިގެންދިޔައި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންވާ ފިޔަވަޅުތައް ފުލުހުންގެ އިދާރާއިން އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު