ވިޔަފާރި
އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ: އެމްޑަބްލިއުއެސްސީ
ފެންބިލުން 10 ޕަސަންޓު ޑިސްކައުންޓު --- ފޮޓޯ އެމްޑަބްލިއުއެސްސީ
ރޯދަ މަހުގެ ޑިސްކައުންޓާއެކު މާޗު މަހު ފޮނުވި ފެން ބިލަށް ވުރެ ބޮޑުނުވާނެހެން އޭޕްރީލް މަހުގެ ބިލު ފޮނުވަން ނިންމައިފި އެވެ.

މިދިޔަ މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ކުންފުނިތަކުން ނިންމާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ބިލްތަކުން ޑިސްކައުންޓް ދީފައިނުވާތީ، އެ ބިލުތައް އިސްލާހުކުރަން ކުރުމަށް ސަރުކާރުން އެ ކުންފުނިތަކަށް އެންގުމުންނެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައި ވާނީ ރޯދަ މަހުގެ ތެރޭގައި 11 މާޗް އިން 11 އެޕްރީލްގެ ނިޔަލަށް ފޮނުވި ބިލްތަކަށް ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ފޮނުވި ބިލުތަކުން 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރި މިންވަރުގެ 24.5 ޕަސަންޓެވެ.

އޭޕްރީލް މަހުގެ ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓް ދޭ އިރު، އެ އެ ބިލްގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ.

އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމިއިރު, އެމްޑަބްލިއުއެސްސީން ވަނީ ޑިސްކައުންޓު ނުހިމަނައި އޭޕްރީލް މަހުގެ ބިލުތައް ކަސްޓަމަރުންނަށް ފޮނުވާފަ އެވެ. ޑިސްކައުންޓު ނުހިމަނައި ފޮނުވި ބިލުތަކަށް އަންނާނެ ބަދަލުތަކާއި, ޑިސްކައުންޓު ދޭ އަދަދުތައް އަދި ޑިސްކައުންޓު އަދަދު ކަސްޓަމަރަށް ކްރެޑިޓް ކުރެވޭ ނަމަ އެ މައުލޫމާތު ވެސް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރޯދަ މަހު ބޭނުން ކުރާ ކަރަންޓަށް ޑިސްކައުންޓެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ވައުދާ އެއްގޮތަށް މާޗު މަހުގެ ބިލުތަކުން ޑިސްކައުންޓު ދިނެވެ. އޭޕްރީލް މަހުގެ ބިލުތަކަށް ޑިސްކައުންޓު ދޭން ނިންމީ ޑިސްކައުންޓު ނުހިމަނައި ފޮނުވުމުން, އާންމުންގެ ޝަކުވާ ބޮޑުވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު