ޚަބަރު
މާދެލި މަސް ފެކްޓަރީ ނިލަންދޫއަށް ބަދަލުކޮށްފި
ދ. މާދެލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި، ދ. މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ފ. ނިލަންދޫ އަށް ބަދަލުކުރަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްރީން ބުނީ އެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ މަޖިލިސް ގޮނޑި ކާމިޔާނު ކުރެއްވި ނިލަންދު އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ވައުދުވެވަޑައިގަތީ އޮގަސްޓް 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ މަހުގެ 14 ގަ އެވެ.

އެ އެއްބަސްވުމުގައި ފިޔޯރީ އާއި ފެލިވަރުގައި މަސް ފެކްޓަރީއެއް ހެދުން ހިމެނެ އެވެ.

މާދެލީ މަޝްރޫއުގައި އެ ރަށުގައި ބަނދަރެއް ހެދުމާއި، މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނެ އެވެ.

މާދެލީގައި މަސް ފެކްޓަރީއެއް ހަދަން ރައީސް މުއިއްޒު ފުރަތަމަ ވައުދުވެވަޑައިގެންނެވިއިރު ވެސް އެ ރަށުގައި ރިސޯޓެއް ހަދަން އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ އޮތީ ހަވާލުކޮށްފަ އެވެ. ސެއިންޓް ރެޖިސްގެ ވޮއްމުލި ހިންގާ އެ ކުންފުންޏާ މާދެލި ހަވާލުކުރީ ޖުލައި 5، 2023، ގަ އެވެ. އެއީ ސެއިންޓް ރެޖިސްއަކީ މެރިއަޓް ހޮޓެލްސްގެ ދަށުން ހިންގާ ކުންފުންޏެވެ. މާދެލީގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7.2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.

މާދެލީގައި އަޅަން ނިންމާފައި އޮތް މަސް ފެކްޓަރީ ފ. ނިލަންދޫ އަށް ބަދަލުކުރަން ނިންމިއިރު މި މަހު 28 ވަނަ ދުވަހު ހުވާކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރަކީ ރައީސް ޑރ. މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތިމަތު ސައުދާ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު