ވިޔަފާރި
އަރަބިއަން ޓްރެވަލް މާކެޓްގައި ރާއްޖެއަށް ޝަރަފުވެރި 4 އެވޯޑެއް
ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ދިވެހިރާއްޖެ، ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ހާސިލްކޮށްފި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ.

މިއަހަރު އެވޯޑް ލިބުނު 4 ކެޓަގަރީތަކަކީ:

1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
3. އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024

2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މީގެކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފަ އެވެ.

އެމްއެމްޕީއާރުސީން ދެކޭގޮތުގައި މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެ، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެވުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024" ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާޙެވެ. އެމްއެމްޕީއާރްސީގެ ސީއީއޯ ފާތުމަތު ތައުފީގު "އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެވަޑައިގެންނެވިއިރު، "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024" ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލް އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު