ވިޔަފާރި
މޯލްޑިވިއަންގެ 4 ވަނަ އޭޓީއާރް ރާއްޖެ ގެނެސްފި
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އާ ބޯޓެއް ގެނެސްފި އެވެ.

މި ފްލައިޓް ރާއްޖެ ގެނެސްފައިވަނީ މިއަދެވެ. މޯލްޑިވިއަނުން ބުނީ ފްލައިޓް އޮޕަރޭޝަނަށް ނެރޭނެ ކަމަށެވެ. އެ ބޯޓުގެ ޓެސްޓް ފްލައިޓްތައް ފްރާންސްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މޯލްޑިވިއަން އިން ދާދި ފަހުން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ދެ ފްލައިޓް މި އަހަރު ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެއެވެ.

އޭޓީއާރް މަރްކާގެ ސަބަބުން އުޅަނދަށް ބޭނުންވާ މެއިންޓެނަންސްގެ ޚަރަދުތައް ވެސް ފުދޭވަރަކަށް ކުޑަވެގެން ދާނެއެވެ.

އޭޓީއާރްގެ ސަބްސިޑަރީ ކުންފުނި، އީސްޓާން ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްޒެންޑްރޯ ލޫޒީ ވިދާޅުވީ، މޯލްޑިވިއަންއާ އެކު އޭޓީއާރުން މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ކަަމަށާއި، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި އެ ކުންފުންޏަށް ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރާއްޖެ ގެނައި ބޯޓަކީ އެންމެ ޒަމާނީ އޭވިއޭޝަން ވަސީލަތްތައް ހުންނާނެ މަތިންދާ ބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ގެނައި މި އެއާކްރާފްޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 15 ބޯޓު އިތުރުވާނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ.

ބޯޓު ގެނައުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީނު ވިދާޅުވީ، މިއަދަކީ އޭވިއޭޝަން އިންޑަސްޓްރީއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ ބޯޓާ އެކު އެ އެއާލައިނުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. ޑޮމެސްޓިކް ދަތުރުތަކުގެ 90 ޕަސެންޓު ކަވާ ކުރަނީ މޯލްޑިވިއަން އިން ކަމުގައިވާ އިރު އެކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު