ވިޔަފާރި
މޯލްޑިވިއަނުން މާލެ-ލަންކާ ދަތުރުތައް ފަށައިފި
މޯލްޑިވިއަން އިން މާލެ އާއި ސްރީ ލަންކާއާ ދެމެދު ދަތުރުތައް ފަށަން ރޭ ވީއައިއޭގައި ބޭއްވި ރަސްމި
ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ސްރީ ލަންކާގެ ކޮލަންބޯ އަށް ސީދާ ދަތުރުތައް ރޭ ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެ އެއާލައިނުން ވަނީ ސްރީ ލަންކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ބާއްވައިފަ އެވެ. މީގެ އިތުރުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ލަންކާއަށް ދަތުރުތައް ބޭއްވި އެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ފެށި މި ދަތުރުތަކާ އެކު ހަފްތާ ބަންދާ ދިމާކޮށް ލަންކާއަށް ދާ މީހުންނަށް ފަސޭހަ ވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންގެ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ބެލުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ސެކަލާއި ފެނުމުގެ ޓެސްޓު ހެއްދޭނެ އެވެ. އަދި މޯލްޑިވިއަންގެ ފަސިންޖަރުންނަށް އޯޕީޑީއިން ހެއްދޭ ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓާއި އެކްސްރޭއިން ފަސް ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

މޯލްޑިވިއަން އިން ކޮލަންބޯއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. އެ އެއާލައިނުން އަންނަނީ އިތުުރު އެއާބަސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު މާޗު 2022 ގައި މޯލްޑިވިއަން އެއާލައިނުން ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ވެސް ދަތުރު ފެށި އެވެ. އެކަމަކު، އެ ފަހަރު ތަރުހީބު ކުޑަކަމުން ހަފުތާއެއް ވެސް ނުވަނީސް އެ ދަތުރުތައް މެދުކަނޑާލީ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު