ޚަބަރު
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް 55 އޮފިސަރުން ހޯދަނީ
އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންތަކެއް އެއާޕޯޓުގައި މަޑުކޮށްލައިގެން..-- ފޮޓޯ: އޭވިއޭޝަން ސެކިއުރިޓީ
އޭވިއޭޝަންގެ ސެކިއުރިޓީ ކޮމާންޑަށް 55 އޮފިސަރުން ހޯދުމަށް ޑިފެންސް މިނިސްޓަރީ އިން އިއުލާންކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަހަކު 5920.00ރ. ލިބޭ އިރު ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00ރ. ލިބޭނެ އެވެ. އެހެނިހެން އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ކޮއްތު ފައިސާގެ ގޮތުގައި ޑިއުޓީ އަށް ނުކުންނަ ކޮންމެ ދުވަހަކަށް 60ރ. އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ލިބޭނެ އެވެ.

މީގެއިތުރުން ފޯނު އެލަވަންސް ގޮތުގައި މަހަކު 150ރ. އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.

މަޤާމުގެ ޝަރުތުތައް:

  • ސާނަވީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ޙާޞިލްކޮށްފައިވުން. (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭސިކް ޓްރެއިނިން ހަދައިފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުން، ލެވެލް ތިނެއްގެ ސަނަދެއް ގޮތުގައި ބެލެވޭނެއެވެ.)
އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ސިފަތަކުގެ ތެރޭގައި 18 އަހަރު ފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައި ވުމާއި، އިސްކޮޅުގައި ފަސް ފޫޓު ހުރުން ހިމެނެއެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރަން ޖެހެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ވަޒީފާ އަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ ތިން މަސް ދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް ފުރިހަމަ ކުރުމާއި ޑިއުޓީ ސުޕަވައިޒަރު، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަން ކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވައިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރަން ވާނެ އެވެ.

މީގެއިތުރުން ޑިއުޓީ ސުޕަވައިޒަރު، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަން ކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން މަދަނީ ވައިގެ ބަނދަރުތަކުން ދަތުރު ކުރާ ފަސިންޖަރުންނާއި ކްރޫންނާއި އެމީހުން ގެންދާ ތަކެތި ބަލައި ފާސް ކުރަން ޖެހެ އެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާތަކަށާއި މަތިންދާ ބޯޓު ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމާއި މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އެ ވެހިކަލްތަކުގައި ގެންދާ ތަކެތި ބަލައި ފާސް ކުރަން ޖެހޭނެ އެވެ.

އެ މުވައްޒަފުން ފުރަތަމަ މަސައްކަތް ކުރަން ޖެހޭނީ ޓްރެއިނީއެއްގެ ގޮތުގައެވެ. މަގާމަށް ހޮވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުންނެވެ. 

އެއާޕޯޓު ސެކިއުރިޓީއަކަށް ހޮވޭ މުވައްޒަފުން މަގާމުގެ ބޭސިކް ޓްރެއިނިންއިން ފާސްވުމުން، ސީއެސް 1-3 ރޭޏްކުގެ ފުރަތަމަ ގްރޭޑަށް ޕްރޮމޯޝަން ލިބޭނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު