އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "ބްލެކް މާލިން" ގެ ހަތަރު ވަނަ އެޑިޝަން މިއަދުން ފެށިގެން މި މަހު 28 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ތެރެއިން ބައެއް ތަމްރީނުތައް ލ.ކައްދޫގައި ވެސް ބާއްވާނެ އެވެ.އެ ތަމްރީނުތަކުގެ ތެރޭގައި އިންޓެލިޖަންސާއި ލޮޖިސްޓިކްސް އާއި މެޑިކަލް އާއި އީއޯޑީ އަދި އިންފެންޓްރީއާއާ ގުޅުން ހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.އެމެރިކާގެ ނޭޝަނަލް ގާޑްސްއަކީ ކޮންމެ ސްޓޭޓެއްގައި ހިމެނޭ ރިޒާވު ސިފައިންގެ ފޯސްގެ މައްޗަށް އެކުލެވޭ އަސްކަރީ ގޮތްޕެކެވެ. ކޮންމެ ސްޓޭޓެއްގެ ނޭޝަނަލް ގާޑްސްގެ ކޮންޓްރޯލް އޮންނަނީ އެ ސްޓޭޓެއްގެ ސަރުކާރަށާއި މައި ސަރުކާރުގެ އަތްމަތީގަ އެވެ.އެމެރިކާގެ ސަރުކާރުން ރައީސް ނުވަތަ ޑިފެންސް ސެކްރެޓަރީ ނުވަތަ ކޮންގްރެސްއިން ހަނގުރާމައިގެ ހާލަތު އިއުލާނު ކުރުން ނުވަތަ ކާރިސާގެ ވަގުތުތަކުގައި ފެޑެރަލް ސަރުކާރަށް ނޭޝަނަލް ގާޑްސްގެ ސިފައިންގެ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި, ސްޓޭޓެއްގެ ގަވަރުނަރަކު ކުއްލި ހާލަތު އިއުލާނު ކުރުމުން ވެސް ހިދުމަތަށް ނުކުންނަން ޖެހެ އެވެ.