ޚަބަރު
ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް
ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާއި އެކު ކުންފުނީގެ އިސްވެރިން. -- ފޮޓޯ: މިހާރު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެ.މް.އޭ.ސީ.އެ.ލްއިން އެ ކުންފުނީގެ 10 މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްފައެވެ. 

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފް ވިދާޅުވީ، މި އަހަރު މުވައްޒަފުން ހައްޖަށް ފޮނުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރާ ގުޅިގެން މުވައްޒަފުންނަށް މި ފުރުސަތު ހޯދައި ދިނީ، އެއީ އެ ކުންފުންޏަށް މުހިންމު ކަމަށް ވާތީ ކަމަށެވެ. 

ކުރިމަގުގައި ވެސް އެ ޕްރޮގްރާމުގެ ތެރެއިން ހުއްޓުމެއް ނެތި މުވައްޒަފުން ހައްޖަށް ފޮނުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެމްއޭސީއެލްއިން އެންމެ ފުރަތަމަ ޕްރޮގުރާމެއްގެ ތެރެއިން މުވައްޒަފުން ހައްޖަށް ފޮނުވީ 1998 ވަނަ އަހަރު އެވެ. އެކަމަކު، އެ ޕްރޮގްރާމް މެދުކަނޑާލުމަށް ފަހު، މުވައްޒަފުން ހައްޖަށް ފޮނުވަން ފެށީ 2017 ވަނަ އަހަރު އެވެ. ކޮވިޑުގެ ސަބަބުން އެ ޕްރޮގުރާމް ހުއްޓުމަކަށް އައުމަށް ފަހު، މި ދިޔަ އަހަރު މި ޕްރޮގުރާމު އަނެއްކާ ފަށައި ފަސް މުވައްޒަފުން ހައްޖުގެ އަޅުކަމަށް ފޮނުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު