ޚަބަރު
ފުލުހުންނާއި އިމިގްރޭޝަންގެ ނަމުގައި ބޭރުގެ ނަމްބަރުތަކުން ވަގު ކޯލު!
ފުލުހުންގެ އެކި ލޯގޯތައް ބޭނުންކޮށްގެންނާއި އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް މީހުންނަށް ގުޅަމުންދާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އެގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދެއެވެ. މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ވެސް މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.


ފުލުހުން ވަނީ މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

ފަހަކަށް އައިސް ސްކޭމް ކޯލްތައް ކުރާ މިންވަރު އިތުރުވަމުން ދާތީ މިފަދަ ސްކޭމްތަކުން ރައްކާތެރިވާން ކާކުކަން ނޭނގޭ ފަރާތްތަކަށް ކާޑުގެ އެއްވެސް މައުލޫމާތާއި އޯޓީޕީ ކޯޑާއި ޒާތީ މައުލޫމާތު ހިއްސާނުކުރަން ފުލުހުން އިލްތިމާސްކުރެ އެވެ. އަދި އެކި ކަންކަމުގައި ފައިސާ ޓްރާންސްފާ ކުރާއިރު ވެސް ފައިސާ ފޮނުވެނީ ކާކަށްތޯ ބަލައި ޔަގީންކުރަން އެދެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު